20 Mar 2012, 16:47
ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ހަދައިގެން އުޅުނު އިންސާފުގެ މައިދާން، ކޭމްޕް ރޫޅާލުމުން އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުން ފާޅުކޮށްފި އެވެ.
ކޮމިޝަނުން ނެރުނު ބަޔާނެއްގައި މިއަދު ބުނެފައި ވަނީ އެމްޑީޕީން ލޮނުޒިޔާރަތްކޮޅުގައި ސިޔާސީ އެއްވުން ބާއްވާ ސަރަހައްދަށް ފުލުހުންނާއި ސިފައިން ވަދެ އިއްޔެ އަމަލުކޮށްފައިވާ ގޮތާއިމެދު އެ ކޮމިޝަނުން ކަން ބޮޑުވާކަމަށާއި ސަލާމަތީ ބާރުތަކުންވެސް ކަންތައްތައް ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ގިނަ ޕާޓީތައް އެކުލެވޭ ސިޔާސި ނިޒާމެއްގައި ސިޔާސީ ކަންކަމާއި ސިޔާސި ހަރަކާތްތަކަށް ގާނޫނީ ހުދޫދުގެ ތެރެއިން ޖާގަ އޮންނަން ޖެހޭނެ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސި ޕާޓީތަކަށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް މަގުފަހިވާން ޖެހޭނެ ކަމަށެވެ.
އެބަޔާނުގައި ބުނަނީ ގާނޫނީގޮތުން ހުއްދަ ކުރެވިފައިވާ ތަންތަނުގައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ކޮންމެ ޕާޓީއަކަށްވެސް ލިބިދޭ ހައްގެއް ކަމަށާއި އެހައްގު ގާނޫނާއި ޚިލާފަށް ނިގުޅައިގަތުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށެވެ.
އަދި އެމްޑީޕީން ގެ މާލޭގެ ހަރުގެއާއި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫ އާއި އަދި އެހެން ބައެއް ރަށްތަކުގެ ހަރުގެ ތަކަށް ސަލާމަތީ ބާރުތަކުންވަދެ އެތަނުގައި ތިބޭ މީހުންނަށް އަނިޔާކޮށް މީހުން ހިފައި ހައްޔަރުކޮށް އެތަންތާގައި ހުރި ބައެއްތަކެތި ހަލާކުކޮށް ބައެއް ތަކެތި ނަގަމުންދާކަމުގެ ޚަބަރު އެ ކޮމިޝަނަށް ލިބެމުންދާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.