30 Apr 2022, 20:12
ކޮލަންބޯ (އެޕްރީލް 30): ސްރީލަންކާއަށް ކުރިމަތިވެފައިވާ ދަތުމަޑުކަމާއި އިގްތިސާދީ އަދި މާލީ ކާރިސާ ހައްލުކުރުމަށްޓަކައި އައު ބޮޑުވަޒީރަކު ހިމެނޭގޮތަށް އައު ސަރުކާރެއް އެކުލަވާލަން ރައީސް ގޮތަބަޔާ އެއްބަސްވެ ވަޑައިގެންފި ކަމަށް ޚަބަރު ލިބިއްޖެއެވެ.
ސްރީލަންކާގެ ރިޔާސީ މަސްދަރަކާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތައް ބުނާގޮތުން މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ބަދަލުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ބޭފުޅަކު ބޮޑުވަޒީރު ކަމަށް އައްޔަންކުރުމަށްޓަކައި އިދިކޮޅު ޕާޓީތަކާ ވާހަކަދައްކަން ރައީސް ގޮތަބަޔަ ރާޖަޕަކްސަ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ނަމަވެސް ސްރީލަންކާ ރިޔާސަތުން މިކަން ކަށަވަރުކޮށެއް ނުދެއެވެ. އަދި ދޮގެއްވެސް ނުކުރެއެވެ. ސްރީލަންކާގެ ބޮޑުވަޒީރު އަދި ރައީސް ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ގެންދަވަނީ ބޮޑުވަޒީރުކަމުން ދުރުވެވަޑައިގަތުމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުންނެވެ.
މަހިންދަވަނީ ސްރީލަންކާގައި އަލަށް އުފައްދާ ސަރުކާރުގެ ބޮޑުވަޒީރުކަމުގައިވެސް ހުންނަވާނީ އޭނާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުންވަނީ މަގާމުން ދުރުވެވަޑައިގަތުމަށް މަހިންދަ ދެކޮޅު ހައްދަވާތީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން ބޮޑުވަޒީރުކަމުން މަހިންދަ ދުރުކުރަން ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.
ރާޖަޕަކްސަގެ ޕާޓީކަމަށްވާ ޕޮޑުޖަނާ ޕެރުމުނާ ޕާޓީއަށް ނިސްބަތްވާ 30 އަށްވުރެ ގިނަ މެންބަރުން ދާދިފަހުންވަނީ އެޕާޓީން ވަކިވެފައެވެ. ނަމަވެސް އެބޭފުޅުން އަދި ތިއްބެވީ މިނިވަން މެންބަރުންގެ ގޮތުގައެވެ. މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވިނަމަވެސް އެބޭފުޅުންގެ ތާއީދާނުލައި މަހިންދައަށް ސްރީލަންކާގެ ޕާލަމެންޓްގެ އަޣްލަބިއްޔަތެއް ނުލިބޭނެއެވެ.
ސްރީލަންކާގެ ގާނޫނު އަސާސީ ބުނާގޮތުން އެގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނެވޭނީ ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތް ބޭފުޅަކަށެވެ. ރާޖަޕަކްސަގެ ޕޮޑުޖަނާ ޕެރުމުނާ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން އެޕާޓީން ވަކިވެފައިވާއިރު އެޕާޓީއާ ކޯލިޝަން ހަދައިގެން އުޅުނު ސްރީލަންކާ ފްރީޑަމް ޕާޓީވެސް ދާދިފަހުންވަނީ އެކޯލިޝަނުން ވަކިވެފައެވެ.
މިއާއެކު ރާޖަޕަކްސަގެ ސަރުކާރަށް ސްރީލަންކާގެ ޕާލަމެންޓްގައި އަޣްލަބިއްޔަތު ނޯންނާނެކަމަށް ބެލެވުނުނަމަވެސް ޕޮޑުޖަނާ ޕާޓީއާ ދުރަށްދިޔަ މެންބަރުން އިދިކޮޅު ކޯލިޝަނާވެސް ނުގުޅޭތީ އިދިކޮޅަށްވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތްކަން އަދި ވަނީ ނޭންގުމެއްގެ ތެރޭގައެވެ.
މިކަން ކަށަވަރުވާނީ މަހިންދަގެ މައްޗަށް އިތުބާރުގެ ވޯޓެއް ނަގާއިރު މުސްތަގިއްލު މެންބަރުން ވޯޓު ދެއްވާ ގޮތަކުންނެވެ. އިދިކޮޅުން ގެންދަނީ މަހިންދަގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރަމުންނެވެ.
ސްރީލަންކާގެ ނޫސްތައް ބުނާގޮތުން ރައީސް ގޮތަބަޔާ އައު ބޮޑުވަޒީރަކާއެކު އެކުލަވާލަން މަސައްކަތް ކުރައްވަނީ އިދިކޮޅު ޕާޓީތައް ހިމަނައިގެން ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެކެވެ. ނަމަވެސް މިކަމަށް އެއްބަސްވާނެކަމުގެ އެއްވެސް އިޝާރާތެއް އިދިކޮޅު އެއްވެސް ޕާޓީއަކުން އަދި ދީފައެއް ނުވެއެވެ.
އިދިކޮޅު ޕާޓީތައް މިހާތަނަށް އެދެމުން ގެންދަނީ ބޮޑުވަޒީރު މަހިންދައާއި އޭނާގެ ކޮއްކޮ ރައީސް ގޮތަބަޔަ މަގާމުން އިސްތިއުފާ ދެއްވުމަށެވެ. ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާވަނީ އިގްތިސާދީ ގޮތުން މުޅިން އިނދަޖެހިފައެވެ.
ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ބޭހާ އަދި ތެލާއި ކަރަންޓް ފޯރުކޮށް ނުދެވޭ ހާލަތަށް ގައުމުވަނީ ގޮސްފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސްރީލަންކާއަށް ނާންނަ ފަދަ އިގްތިސާދީ ތަދުމަޑުކަމެކެވެ.
ރައީސް ގޮތަބަޔާ އާއި ބޮޑުވަޒީރު މަހިންދަ ވިދާޅުވާގޮތުން މިހާލަތަށް ގައުމު ދިޔައީ ކުރީގެ ސަރުކާރަށް ސްރީލަންކާގެ އިގްތިސާދީ މަޝްރޫއުތައް މެނޭޖު ނުކުރެވުމުގެ ސަބަބުންނާއި އީސްޓާ ބޮމުގެ ހަމަލާތަކާއެކު ސްރީލަންކާގެ ފަތުރުވެރިކަމަށް އައި ހީނަރުކަމުގެ ސަބަބުންނެވެ.
މީގެއިތުރުން 2020 ވަނައަހަރުގެ ކުރީކޮޅު ކުރިމަތިވި ކޮވިޑް-19 ގެ ވަބާއިން ސަލާމަތް ވުމަށްޓަކައި ދިގުމުއްދަތަކަށް ސަރަހައްދީ ރޮނގު ބަންދުކުރަން ޖެހުމުގެ ސަބަބުންނެވެ. ނަމަވެސް މިހާލަތަށް ސްރީލަންކާ ވެއްޓުމުގައި ސްރީލަންކާގެ ކުރީގެ ސަރުކާރާ އަދި މިހާރުގެ ސަރުކާރުގެ ކޮރަޕްޝަންވެސް ބޮޑު ދައުރެއް އަދާކުރިކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.