30 Apr 2022, 13:35
މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލު އޭސީ ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަޚްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 30 އަހަރަށް ފަހު، މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އޭސީ ކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އިރާދަފުޅާއެކު އަންނަ މަހު ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ކެޑޭޓް އެންޑް ޖޫނިއާ ޓީޓީ މުބާރާތް ކުރިއަށް ދާއިރު، އިންޑޯ ހޯލުން ބޮޑު ބަދަލެއް އިހްސާސްކުރެވެނެ ކަމަށެވެ. އަދި އެ މުބާރާތުގައި ގައުމީ ޓީމަށް ސަޕޯޓު ކޮށްދެއްވުމަށް އައުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް އަންނަ މަހު ރާއްޖޭގައި ބާއްވާއިރު، މިއީ އައިއޯއައިޖީގައި ދިވެހި އެތުލީޓުން ހޯދި ކާމިޔާބީގެ އަގު ވަޒަން ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި ގައުމީ ފުޓުބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕް ކުޅޭއިރު ދިވެހިންގެ ފަރާތުން ފެންނަ ޖޯޝާއި ފޯރި، މި މުބާރާތުގައި ވާދަކުރާ ޓީޓީ ގައުމީ ޓީމަށް ވެސް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ ނުވަޔަކުން 11 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައެވެ.