ހުޅުމާލެއިން 10 ބިމެއް އެޕާޓްމަންޓް ހެދުމަށް ދޫކުރުމަށް އެޗްޑީސީން އިއުލާނުކޮށްފިއެވެ.

އެކުންފުނިން މިމަހުގެ 28ވަނަ ދުވަހު ކުރި އިއުލާނުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ދެ ބިމަކާއި، ދެވަނަ ފިޔަވަހީގެ އަށް ބިމެއް އެ ބޭނުމަށް ދޫކުރުމަށް ހިމަނާފައިވެއެވެ.

އެ ބިންތަކުގައި އެޕާޓްމަންޓް ހަދައި، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަކަފޫޓަކަށް ބަލައިގަންނަ އެންމެ ކުޑަ އަގު އުޅެނީ 1868 ރުފިޔާއާއި، 2731 ރުފިޔާއާ ދެމެދުގައެވެ. އަދި ބިމުގެ ބޮޑުމިން އުޅެނީ 1657 އަކަފޫޓާއި، 3838 އަކަފޫޓާ ދެމެދުގައެވެ.

ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހެދުމުގެ ފުރުސަތު ހުޅުވާލިއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައި މަދުވެގެން 700 އަކަފޫޓު ހުންނަން ޖެހެއެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައި 900 އަކަފޫޓު ހުންނަން ޖެހެއެވެ.

މި އިމާރާތްތަކުގެ ބޭސިކް ފިނިޝިން، ވަސީލަތްތައް އަދި ޕާކިން ތަރައްގީކުރަން ޖެހެނީ އެޗްޑީސީގެ ގައިޑްލައިންތަކާ އެއްގޮތަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ނުވަ ވަނަ ދުވަހެވެ. މިކަމާ ގުޅޭ ޕްރި-ޕްރޮޕޯސަލް ބައްދަލުވުން އަންނަ މެއި މަހުގެ 12ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.