30 Apr 2022, 00:50
ރާއްޖޭގެ ބާ ކައުންސިލުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ "ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު"ގެ ދަށުން އިންތިޚާބު ކުރި ރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ ދައުރު މި އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.
ބާ ކައުންސިލުން ވަނީ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު، މި އަހަރުގެ ޖޫން މަހުގެ 11 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައެވެ.
ބާ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު، މި އަހަރުގެ މޭ މަހުގެ 22 ވާ އާދިއްތަ ދުވަހުގެ 15:00އާ ހަމަޔަށް ހުޅުވައިލާފައިވާ ކަމަށެވެ.
ބާ ކައުންސިލުގެ ރައީސް އާއި ނައިބު ރައީސް ކަމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ހުންނާން ޖެހެއެވެ.
މީގެ އިތުރުން ބާ ކައުންސިލުގެ ރައީސް އާއި ނާއިބު ރައީސް ފިޔަވައި، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާ ޤާނޫނީ ވަކީލެއްގެ ކިބައިގައި ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނާން ޖެހެއެވެ.