ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ހ. ނީލްވިލާ، ޑރ. މުހައްމަދު ޒާހިރު ހުސައިން، ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ (ނޢޢވ) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އައްޔަންކުރައްވައިފި އެވެ.

ޒާހިރު ހުސެއިންނަށް މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޒާހިރު ހުސައިން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރައްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވަމުން، އެމަނިކުފާނުގެ ތަޖްރިބާ ގައުމީ ޔުނިވާސިޓީގެ ކުރިއެރުމަށްޓަކައި ލިބިވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ.


ޒާހިރު ހުސައިނަކީ ރާއްޖޭގެ ތައުލީމީ ވަޒީރުކަން 11 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ކުރައްވާފައިވާ އަދި ތައުލީމީ ދާއިރާއަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅު ކުރައްވައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި އެމަނިކުފާނު ވަނީ ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފަ އެވެ.


ދުވަހު ނޫސް ހަވީރުގެ ޗެއާމަން ޑރ. ޒާހިރު ހުސައިނަކީ މިނިސްޓާ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމުގެ އިތުރުން މިނިސްޓާ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަންގެ ޕްރެޒިޑެންޓް ކަމާއި، ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް ކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ މިނިސްޓާ ކަމުގެ މަގާމާއި އެކްޓިން ބަންޑާރަ ނައިބު ކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގައި މަގާމަށް ޒާހިރު ހުސައިން ހަމަޖައްސަވާފައި މިވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި އެމަގާމަށް އައްޔަން ކުރެއްވި ޑރ. މުސްތަފާ ލުތުފީ އެމަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން މަގާމް ހުސްވެފައިވަނިކޮށެވެ.