29 Apr 2022, 23:27
ދިވެހި ފުލުހުންގެ ވަޒީފާއަށް ވަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ފުލުހުންގެ "ޕޮލިސް ރެކްރޫޓް"ގެ މަޤާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މި ހިނގާ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުން ފަށައިގެންނެވެ.
ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ފުލުހުން ބުނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ސާނަވީ ތަޢުލީމުގެ ޖީސީއީ އޯ ލެވެލް އިމްތިހާނާ އަދި އެސްއެސްސީ އިމްތިހާނު ހިމެނޭހެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިހާނު ނުވަތަ ސެކަންޑަރީ ސުކޫލު ސެޓްފިކެޓް އިމްތިހާނު ހިމެނޭހެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވައިވާ ފަރާތަކަށް ވާންޖެހެއެވެ. އެގޮތުން މި ޝަރުތު ހަމަވާ ފަރާތެއް ނަމަ ފިރިހެން ފަސް ފޫޓް ތިން އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓް، އިސްކޮޅުގައި ހަމަވާންޖެހޭ ކަމަށް ފުލުހުން ބުންޏެވެ.
ހަމައެއާއެކު ޖީސީއީ އޯލެވަލް އިމްތިހާނުގެ ހަތަރު މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެޗްއެސްސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލް ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.
މިޝަރުތުތައް ހަވަމަވާ ފަރާތެއް ނަމަ ފިރިހެން ފަސް ފޫޓް އެއް އިންޗި ހަމަވުމާއި އަންހެނެއް ނަމަ ހަތަރު ފޫޓް އަށް އިންޗި އިސްކޮޅުގައި ހަމަވާން ޖެހެއެވެ.
މި ވަޒީތަކަށް ކުރިމަތިލާ ފަރާތްތަކަކީ ސާނަވީ ތަޢުލީމު ފުރިހަމަކުރުމާއެކު ފިޒިކަލް ފިޓްނަސް އެފަރާތެއްގެ ކިބައިގައި ހުރި މިންވަރު ދެނެގަތުމަށް ފުލުހުންގެ ފަރާތުން ޚާއްސަ ގޮތެއްގައި ބެލެވޭ މިންގަނޑުގެ ތެރެއިން ފާސްވުމާއެކު، ފިރިހެނުން އިސްކޮޅުގައި ފަސް ފޫޓް އަށް އިންޗި އަދި އަންހެނުން އިސްކޮޅުގައި ފަސް ފޫޓް ތިން އިންޗި އަށްވުރެ ކުރުނޫން ފަރާތެއްކަމުގައި ވާންޖެހެއެވެ. އަދި މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާ ރެކްރޫޓް ކުރެވޭ ފުލުހުންގެ އާންމު ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތެއްކަމުގައި ވެސް ވާންޖެހެއެވެ.