29 Apr 2022, 20:26
މުޅި ރަށު ތެރޭގައި ވަނީ އުފާވެރި ކަމެވެ. މިއަދު މިރަށަށް އެއް ގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ޚާއްޞައެވެ. ކުޑަ ވަރެއްގެ އީދެއް އައިސްގެން އުޅޭ ކަހަލައެވެ.
މިރަށަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ، ސަންޓްރެވަލްގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވަނީ ރަށުގެ ރައްޔިތުންނަށް ރޯދަވީއްލުމެއް ދެއްވައިފައެވެ. ރޯދަވީއްލުން އޮތީ ސިޔާމްގެ ޚަރަދުގައި އޭނާގެ މަންމަގެ ހަނދާނުގައި 2012 ވަނަ އަހަރު އަޅުއްވައި ދެއްވި މަސްޖިދުލް ޝަމީމާ ޢަބްދުﷲގެ ގޯތި ތެރޭގައެވެ.
މިރަށުގައި މިވަގުތު 500 އެއްހާ މީހުން ދިރިއުޅޭއިރު ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ރޯދަވީއްލުމުގައި ބައިވެރިވިއެވެ.

ކުޑަފަރީ ރައްޔިތުންނަށް ސިޔާމް ދެއްވި ރޯދަވީއްލުމުގެ ތެރެއިން -- ފޮޓޯ/ މުޙައްމަދު ހައްޔާން
ރޯދަވީއްލުމަށް އެކިއެކި ހެދިކާތަކުގެ އިތުރުން ކެއުންތަކާއި ބުއިންތައް ތައްޔާރު ކުރީ ރަށުގެ ރައްޔިތުންނެވެ. ގޭގޭގައި ތައްޔާރުކޮށްގެން އެއްތަނަކަށް ތަކެތި ގެނައީއެވެ. މިއީ ގިނަ އަހަރުތަކުގެ ރޯދަ މަހު މިރަށުގައި، ސިޔާމްގެ ޚަރަދުގައި އާންމުކޮށް އޮންނަ ކަމެކެވެ.
ރޯދަ މަހާ ކައިރިކޮށް ސިޔާމް ވަނީ ރަށުގެ ރައްޔިތުންނާއެކު މިރަށުގައި މާހެފުމެއް ވެސް ބާއްވައިފައެވެ.
މިއަދުގެ ރޯދަވީއްލުން މިރަށަށް ޚާއްޞަވި އަނެއް ސަބަބަކީ ސިޔާމްގެ ޚަރަދުގައި އިތުރު މިސްކިތެއް ބިނާ ކުރުމަށް ބިންގާ އެޅުމުގެ އިތުރުން ރަށުގެ ނިކަމެތި ދެ އާއިލާއަކަށް ސިޔާމް ދެ ގެ އިމާރާތް ކޮށް ދިނުމަށް ބިންގާ އެޅުމުންނެވެ.

ކުޑަފަރީ ރައްޔިތުންނަށް ސިޔާމް ދެއްވި ރޯދަވީއްލުމުގެ ތެރެއިން -- ފޮޓޯ/ މުޙައްމަދު ހައްޔާން
މިރަށު ކައުންސިލްގެ ރައީސް ޢަލީ ޝަމީމް މުޙައްމަދު ވިދާޅުވިގޮތުގައި މިއީ އޭނާގެ ސިޔާސީ ހަޔާތުގައި ވެސް އެންމެ އުފާވި ދުވަހެވެ. ނިކަމެތި ދެ އާއިލާއަކަށް ސިޔާމް ގެ އަޅުއްވައި ދެއްވުމަކީ އެރަށު ހުރިހާ ރައްޔިތުންނަށް ލިބުނު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ބަޔަކު ހާލުގައި އުޅެނިކޮށް އަޅުގަނޑުމެންނަށް އުފަލެއް ނެތް. އެ ދެ އާއިލާއަށް ގެ ލިބުމަކީ ކޮމިއުނިޓީއަށް ލިބުނު ބޮޑު އުފަލެއް،" ޝަމީމް ވިދާޅުވިއެވެ.
މިރަށުން ވާހަކަ ދެއްކި އެހެން މީހުން ވެސް ބުނީ ސިޔާމްގެ ހެޔޮކަން އެމީހުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.