20 Mar 2012, 15:56
މާލެތެރެ "ހޫނު" ވާ ކޮންމެ ފަހަރަކު ވެސް އަލިފާން ރޯވާ އެއްތަނަކީ ކުނިގޮނޑާއި ނީލަން ފިހާރަ އެވެ. މިފަހަރުގެ ނީލަން ފިހާރަ އެއްކޮށް އަނދާ ހުލިވިއިރު ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ނީލަން ފިހާރައިގައި މުދާ ވިއްކާ މީހުން އަންދާޒާ ކުރެ އެވެ.
މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އަލިފާން ރޯކޮށްލާފައިވާ ނީލަން ފިހާރައިގައި އިއްޔެ ރޯކޮށްލި އިރު އެތަނުގެ ތެރޭ ހުރި 26 ގޮޅި އެއްކޮށް ވަނީ އަނދާ ހުލިވެފަ އެވެ. އޭރު އެތަނުގެ ތެރޭ އެއްގޮތަކަށް ވެސް ބޭނުން ނުކުރާ އާ ތަކެތި ވިއްކަން ބަހައްޓާފައި ހުރި ކަމަށް ނީލަމުގައި އެއްޗެހި ވިއްކާތާ 25 އަހަރުވެފައިވާ މީހަކު ބުންޏެވެ.
"މިހިރަ ދަގަނަޑު ހޮޅި ތަކަކީ ތިން ހާސް ހަތަރު ހާސް ރުފިޔާގެ ހޮޅި. އާ އެއްޗެހި މިއީ. ހުރިހާ އެއްޗެއް ހަލާކުވެގެން މިހިރީ ގޮސްފައި،" އިއްޔެގެ އަލިފާނުގެ ހާދިސާގައި ރޯވެ ގެނދަބުޅިއަށްވެފައި ހުރި ދަގަނޑު ހޮޅިތަކެއް ދައްކާލަމުން 47 އަހަރުގެ މުހައްމަދު ހަލީލް ބުންޏެވެ.
ނީލަން ފިހާރައިގައި މުދާ ވިއްކާ ބައެއް މީހުންނަކީ މުޅިން ވެސް ދިރިއުޅުން އެކަމަށް ބިނާ ކޮށްފައިވާ މީހުންނެވެ. އެމީހުން ބުނާ ގޮތުންނަމަ ކޮންމެ މީހަކަށް ދުވާލެއްގެ މައްޗަށް 4000ރ. އާއި 3000ރ. ދެމެދުގެ އާމްދަނީ އެއް ނީލަން އެއްޗެހި ވިއްކައިގެން ލިބެ އެވެ.
އިއްޔެގެ ހާދިސާގައި ރޯވި އަލިފާނާ ގުޅިގެން ތިން ލައްކަ އަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު ޚަލީލް ބުނީ ނީލަން ފިހާރައިގެ މުދާ ވިއްކަމުން ދަނީ މުސާރަ ދީގެން ބިދޭސީ ބަޔަކު ބައިތިއްބައިގެން ކަމަށެވެ. އަދި ކޮންމެ މަގުސަދެއް ހާސިލު ކުރުމަށް ނީލަން ފިހާރައިގެ ހުޅުޖަހާ ރޯކޮށްލާ ކޮންމެ ފަހަރަކު ވެސް ހުރިހާ ގެއްލުމެއް އަބަދު ވެސް ލިބެނީ "ސެކަންޑް ހޭންޑް މާކެޓްގައި" މުދާ ވިއްކާ ނީލަން ފިހާރައިގެ މީހުންނަށް ކަމަށް ވެސް ޚަލީލް ބުންޏެވެ.
"އަޅުގަނޑުމެންނަށް ފައިދާވާތީ މިތަނުގައި އެއްޗެއްހި މި ވިއްކަނީ. އަލުން ބޭނުން ކުރެވޭ އެތަށް އެއްޗެއް މިތާ އެތެރޭގައި ހުންނާނެ. ބޮޑު އަގުދީފައި ގަނެގެން ގެނެސް ހުރި އެއްޗެއް ހުންނާނެ. ކޮންމެ ފަހަރަކު ވެސް މިގޮތަށް ރޯކޮށްލީމަ ގެއްލުން ފޫބައްދަން މިޖެހެނީ އަމިއްލަ ޖީބުން ޚަރަދުކޮށްގެން. މިތަން ސާފު ވެސް މިކުރަނީ އަޅުގަނޑުމެންގެ ޖީބުން ޚަރަދުކޮށްގެން،" ޚަލީލް ބުންޏެވެ.
އިއްޔެގެ އަލިފާނުގެ ހާދިސާ އަށްފަހު އަދިވެސް އަރަމުންދާ ނީލަން މުދާ ވިއްކާ ސަރަހައްދު އެއްވެސް ބޭނުމަކަށް މީގެ ފަހުން ދޫކުރެވޭނީ ސިޓީ ކައުންސިލުން ހަމަޖައްސާ އުސޫލެއްގެ ދަށުން ކަމަށް މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.
ނަމަވެސް މާލޭގެ އެއް ނަންބަރު ކުނިކޮށްޓާއި، އިންވެގެން އޮތް ނީލަން މުދާ ވިއްކާ ސަރަހައްދު ބޭނުން ކުރަމުން އަންނަ މީހުން ބުނަމުންދަނީ އެހެން ތަނެއް ނުދައްކާނަމަ ތިބޭނީ އެތަނުގައި ކަމަށެވެ. އަދި މިހާރު ވެސް ސިޓީ ކައުންސިލުން އިތުރު ތަނެއް ދައްކައިފިނަމަ އެ ސަރަހައްދު ދޫކޮށްދާނެ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.
އެއްވެސް ބައެއްގެ މާބޮޑު ސަމާލު ކަމެއް މިވީހާ ތަނަށް ލިބިފައި ނެތް ނީލަން ފިހާރައިގެ ވިޔަފާރި ވެރިންގެ މުދަލުގައި ހުޅުހިފާ ރޯވާ ކޮންމެ ފަހަރަކު ވެސް ލިބޭ ގެއްލުން، ޝަކުވާ އެއް ނެތި އަބަދުވެސް ފޫބައްދަން ޖެހިފައި ވަނީ އެމީހުންގެ އަމިއްލަ ޖީބުން ޚަރަދު ކޮށްގެނެވެ.