19:00


މެލޭޝިއަން އެއާލައިނުން ރާއްޖެ އައި ބަނގްލަދޭޝް ދެ މީހަކު އެތެރެ ކުރަން އުޅުން ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ބަނގްލަދޭޝް ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުން ރޭ އަތުލައިގެތް މަސްތުވާތަކެއްޗާ ބެހޭ މައުލޫމާތު ފުލުހުންގެ މައިމަރުކަޒުގައި ދެއްވަމުން ކަސްޓަމްސްގެ ފަރާތުން އަހުމަދު ޝިމާހު ވިދާޅުވީ އުމުރުން 24 އަހަރުގެ ޝާހު އާލަމް ނަމަކަށް ކިޔާ މީހެއްގެ ފޮށިތަންމަތި ކަސްޓަމްސްން ޗެކްކުރިއިރު އޭނާގެ ދަބަހުގެ ތެރޭގައި ޕޮލިތީން ކޮތަޅެއްގެ ތެރެއިން 2.76 ކިލޯގެ ކެނަބިސް ފެނިފައިވާ ކަމަށެވެ. އަދި ހަމަ އޭނާއާ އެކު އައި އުމުރުން 28 އަހަރުގެ ސިރާޖްގެ ދަބަހުގެ ތެރެއިން 0.84 ކިލޯ ގްރާމްގެ ކެނަބިސް ފެނިފައިވާ ކަމަށް ވެސް ޝިމާހު ވިދާޅުވި އެވެ. އަދި އެ އެއްޗެހީގެ ޖުމްލަ ބަރުދަނުގައި 3.6 ކިލޯ ހުރި ކަމަށް ވެސް ޝިމާހު ވިދާޅުވި އެވެ.


ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، އަދި ސްޕްރިންޓެނޑެންޓް އޮފް ޕޮލީސް މުހަމަދު ޖިނާހު ވިދާޅުވީ އެމީހުން އެތެރެ ކޮށްފައިވާނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފަތް ކަމަށާއި އަދި މީގެ ކުރިން އެފަދަ ގޮތަކަށް ކެނަބިސް ފަތް ރާއްޖެ އެތެރެ ކޮށްފައިނުވާ ކަމަށެވެ. ޖިނާހު ވިދާޅުވީ މަސްތުވާތަކެތި އެއާލައިނުން ގެނައި ދެ މީހުންގެ އިތުރުން ހައްޔަރުކުރި އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ތަކެއްޗާ ހަވާލުވާން އެއާޕޯޓަށް ދިޔަ ތަނުން ކަމަށެވެ.


ޖިނާހު އިތުރަށް ވިދާޅުވީ ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންނަކީ ވަރަށް ނުރައްކާތެރި، ވަރަށް ފުޅާ ނެޓްވޯކެއްގައި މަސްތުވާތަކެތީގެ ވިޔާފާރި ކުރަމުން އަންނަ ބައެއް ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ހަތަރު މީހުންގެ ތެރޭގައި އެމައްސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާވެސް ހިމެނޭ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. ޖިނާހު ވިދާޅުވީ އެ މީހުންނާ އެއްވެސް ދިވެއްސަކާ އެއްވެސް ގުޅުމެއް ވާކަން އަދި އެނގިފައިނުވާ ކަމަށެވެ.