29 Apr 2022, 19:03
ނ. ކުޑަފަރީން އަޙްމަދު ސާއިލު ޢަލީ
ގޭ ހުރިހާ ދޮރެއްގެ ބިއްލޫރިގަނޑު ތެޅިފައެވެ. ވާރޭ ވެހިއްޖެނަމަ ގޭ ފުރާޅުން ފެން ވެހެއެވެ. އަވިން ރައްކާތެރިއެއް ނޫނެވެ. ފާހާނާ ކުރެވޭނެ ގޮތެއް ނެތެވެ. ފާރުތަކުން އުވަ ފައިބަނީއެވެ. މުޅި ގެ ބާވެ ހަލާކުވެފައެވެ. މިއީ މިރަށު މަޑުއްވަރީގޭ ލީނާ އޭނާގެ ފަސް ދަރިންނާއެކު ދިރިއުޅެމުން އަންނަ ގޭގެ ހާލަތެވެ.
އެކަނިވެރި މައެއް ކަމަށްވާ ލީނާގެ ފަސް ކުދިންގެ ތެރެއިން 18 އަހަރުވީ އެންމެ ކުއްޖަކަށެވެ. ދެން ތިބީ ހަތަރު ކުޑަކުދިންނެވެ. އެ ކުދިންނާއެކު އޭނާ ދިރިއުޅެމުން އަންނަނީ އޭނާގެ މާމަގެ، ވަރަށް ދުވަސްވެފައިވާ ގެއެއްގައެވެ.

އެ ގޭގެ ހާލަތު ގޯސްކަމުން މިރަށު ކައުންސިލުން ވެސް ވަނީ ޖެންޑާ މިނިސްޓްރީއަށް އެކަން ހުށަހަޅައިފައެވެ. ނަމަވެސް އެކަމަށް އިޖާބައެއް ނުލިބެއެވެ.
ދަތި އުނދަގޫ ހާލަތެއްގައި ލީނާ އުޅެމުން ދަނިކޮށް، މިރަށަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު ވަނީ އެގެއަށް ވަޑައިގެން އެ ގޭގެ ހާލަތު ބައްލަވާލައްވާފައެވެ. އެއީ މި ރޯދަ މަހަށް މިރަށު ރައްޔިތުންނަށް މާހެފުމެއް ދެއްވުމަށް ވަޑައިގެންނެވި ދުވަހެވެ. އެ ދުވަހު ސިޔާމް ވައުދުވީ ލީނާއާއި ދަރިން އުޅުމަށް އެހެން ގެއެއް އަޅުއްވައި ދެއްވާނެ ކަމަށެވެ.

ލީނާއެކޭ އެއްގޮތަށް، ޔަތީމު ތިން ކުދިންނާއެކު ޖުމުލަ ހަ ކުދިން ހުންނަ މި ރަށު ބަހާރުގޭ ނަފީސާ ޔޫސުފް ވެސް އުޅެމުން އައީ ދަތި އުނދަގޫ ދިރިއުޅުމެކެވެ. އޭނާގެ ދުވަސްވީ މުސްކުޅި ގޭގައި ހަ ކުދިންނާއެކު ދަތި ހާލުގައި އުޅެމުން ދާ ވާހަކަ ސިޔާމަށް ނަފީސާ ދެންނެވިއެވެ. އޭނާ އެދުނީ އޭނާގެ ޔަތީމު ތިން ކުދިންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށެވެ. ސިޔާމް ވަނީ އެކަމަށް އިޖާބަ ދެއްވައިފައެވެ.
ލީނާ އާއި ނަފީސާއަށް ސިޔާމްގެ ޚަރަދުގައި އަޅައި ދެއްވާ ދެ ގެ އެޅުމަށްޓަކައި މިއަދު ވަނީ ބިންގާ އަޅާފައެވެ. ބިންގާ އެޅުއްވީ ސިޔާމާއި ގޭގެ ވެރިފަރާތުންނެވެ. މިރަށު ރައްޔިތުންނަށް ބޭއްވި ރޯދަ ވިއްލުމެއްގައި ދެ ގެ އެޅުމަށް ކޮންޓެކްޓަރުންނާ ވެސް ވަނީ ހަވާލު ކޮށްފައެވެ.
އެ ދެގެ ވެސް އަޅަނީ އެ ދެ މީހުންގެ ގެވަޅުގައެވެ.
ގެ ހަވާލުކުރަނީ އެއްކޮށް ފުރިހަމަ ކޮށްފައި
މީގެ ކޮންމެ ގެއަކަށް ދެ މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރަން ސަން ސިޔާމް ކެއާއިން ވަނީ ނިންމައިފައެވެ. ދެ ގެ ވެސް ހަދަނީ ތިން ކޮޓަރި އާއި ސިޓިން ރޫމެއް ހިމެނޭގޮތަށެވެ. އޭގެ އިތުރުން ފެން ރައްކާ ކުރެވޭނެ ޖާގައަކާއި ސޯލާ އެނާޖީ ބޭނުން ކުރެވޭނެ ގޮތް އެ ގެތަކުގައި ހަދާނެއެވެ. އެ ގޭ ވެރިފަރާތާ ހަވާލު ކުރުމުގެ ކުރިން އެއްކޮށް ހަދައި ނިންމުމުގެ އިތުރުން ހިފާގެންގުޅޭ ހުރިހާ ސާމާނެއް ވެސް ހަމަ ކޮށްދޭނެއެވެ.
"އަޅުގަނޑަށް ނޭނގެ ޝުކުރު އަދާ ކުރާނެ ގޮތްވެސް. އަޅުގަނޑުގެ ޔަތީމު ތިން ކުދިންނަށްޓަކައި ސިޔާމް ދެއްވީ ވަރަށް ބޮޑު އެހީތެރިކަމެއް މިއީ. ވަރަށް އުފަލުން މިހުރީ،" ހަ ކުދިންގެ މަންމަ ނަފީސާ ބުންޏެވެ.

ކުޑަފަރީގެ އާއިލާއަކަށް ސަން ސިޔާމް ކެއަރ އިން އަޅައިދޭ ގޭގެ ބިންގާ ސިޔާމް އަޅުއްވައިދެއްވަނީ -- ފޮޓޯ/ މުޙައްމަދު ހައްޔާން
އެ ދެ ގޭގެ މަސައްކަތް ނިންމައި އެއްކޮށް ފުރިހަމަކޮށް ކުރިއަށް އޮތް ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރަން ވަނީ ނިންމައިފައެވެ.
އެ ދެ ގެ އެޅުމާ ގުޅޭގޮތުން ސިޔާމް ވިދާޅުވީ އޭނާގެ މަގުސަދަކީ ނިކަމެތި އެ އާއިލާތަކަށް ފަޚުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.
"އުންމީދަކީ އެ ބޯހިޔާވަހިކަމަކީ އެ ކުދިންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް،" ސިޔާމް ވިދާޅުވިއެވެ.
ވަރަށް ދަތި ހާލުގައި އުޅެމުން އައި އެ ދެ އާއިލާއަށް އުންމީދުގެ ހުޅުކޮޅެއް މިވަނީ ދިއްލިފައެވެ. މިރަށުގައި އެންމެ ހާލުގައި ތިބި މީހުން އެންމެ ރީތި ގެތަކަށް ވަންނަން ދެން މާ ގިނަ ދުވަހެއް ނެތެވެ. އެއީ އެ ނިކަމެތި އާއިލާތަކަށް ލިބުނު ބޮޑު އުފަލެކެވެ.