"އިންޑިއާ އައުޓް" ބެނާ ދެމުމުގެ ބަދަލުގައި ގޭގޭ ފާރުގައި ގްރެފިޓީ ކުރަހަން ފަށައިފިއެވެ.

އެގޮތުން ރަށްދެބައި ހިނގުމުގައި ހުންނަ ގ. ގްރީން ބީންސް ގޭގެ ފާރުގައި މިހާރު ވެސް ވަނީ ގްރެފިޓީއެއް ކުރަހާފައެވެ.

މި ކުރެހުމުން އެގޭގެ ގަރާޖު ދޮރުގައި ފެއްސާއި ރަތާ ހުދުން ދިވެހި ދިދަ ކުރަހާފައިވާ މަންޒަރު ފެނެއެވެ. މީގެ އިތުރުން އެ ދިދައިގެ މަތީގައި ކުރަހާފައިވަނީ ރާއްޖޭގެ ޗާޓު މައްޗަށް ބޫޓުން އަރައި މަންޒަރެވެ.

ދިދައިގެ ތިރީގައި އަކުރު ބަދަލު ކޮށްގެން "Indear out" މިހެން ލިޔެފައިވެއެވެ. އަދި ގަރާޖު ދޮރުގެ ކަނާއަތް ފަރާތަށްވާ ގޮތަށް ފަރާތުގައި އިންޑިއާ ދިދައިގެ ކުލަތައް ޖައްސާފައިވާއިރު، އެތަނުގެ މެދުގައި ބޮޑުކޮށް އައުޓް ލިޔެފައިވެއެވެ.

އިދިކޮޅު ޕީޕީއެމުން ބުނީ މި ހަރަކާތް ހުއްޓުމެއް ނެތި ދާނީ ކުރިއަށް ކަމަށާއި އެގޮތުން މާލޭގެ އެކި ސަރަހައްދު ތަކުގައި "އިންޑިއާ އައުޓް" ޝިއާރު އަންނާނީ އިތުރުވަމުން ކަމަށެވެ. އަދި ބުނީ އިންޑިއާ ސިފައިންނަކީ ރާއްޖޭގެ ފަސްގަނޑުން ބާލަންޖެހޭ ބައެއް ކަމަށެވެ.

"އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ގޮތަށް އަކުރު ބަދަލުކޮށްގެން ހ. ސިލްވާ ވޭވްގައި ވެސް ބެނާއެއް ދެމިއެވެ. އެ ބެނާގައި ލިޔެފައި ވަނީ ހަމަ "IN DEAR OUT" މި ފަދައިންނެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ކެންޕެއިންގެ ދަށުން ހެންވޭރުގައި ރައީސް ޔާމީން ދިރިއުޅުއްވައި ގެކޮޅު ކަމުގައިވާ ހ. ދޫވެއްސާއި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ގޭގެ ބޭރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑެތި ބެނާތައް ވެސް ފުލުހުން ވަނީ ނަގާފައެވެ.