ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ހަރަކާތެއް މެރިން ޕޮލިހުގެ ފަރާތުން ފަށައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުން ފަށައިގެން ކުރިއަށް އޮތް މޭ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތަކީ ފިތުރު ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ކަނޑުމަގުން ދަތުރުކުރާއިރު، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ގޮތުން މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި މެރިން އެންފޯސްމަންޓް އެންޑް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން، ކަނޑު އުޅަނދު ފަހަރަށް އަރައި ޗެކް ކުރަނީ -- ފޮޓޯ/ ޕޮލިސް

މި ހަރަކާތުގެ ތެރެއިން ފެރީގެ ގޮތުގައި ރަށްރަށަށް ދަތުރުކުރާ އުޅަނދުތަކާއި ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ފަޅުގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބަލައި ޗެކްކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދަތުރުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއި އުޅަނދުތަކުގެ މައުލޫމާތު ފުލުހުން އެއްކުރާނެއެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން މާލެ ހިމެނޭ ސަރަހައްދުގައި ފެރީގެ ގޮތުގައި ބޭނުންކުރާ އުޅަނދުތަކާއި ފަޅުގައި އަޅާފައިވާ އުޅަނދުތަކަށް ޒިޔާރަތްކޮށް، ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބަލައި ޗެކްކުރުމުގެ ޕްރޮގްރާމުތަކަކީ ސިލްސިލާކޮށް ހިންގައި ޕްރޮގްރާމް ތަކެކެވެ.