މިއަހަރުގެ ފިތުރު އީދު ދުވަހު ހަތަރު ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 50 ވަނަ އާންމު ރަސްމީ ޖަލްސާގައެވެ.

ފައިމަގުގައި އުޅޭ ގަޑިއެއް ކަނޑައެޅުމަށް ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އައިމިނަތު ޔުމްނާއެވެ.

އޭނާ ހުށަހެޅުއްވީ އީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ވެހިކަލް ދުއްވުން މަނާކޮށް އެވަގުތަކީ ފައިމަގުގައި އުޅޭ ވަގުތުކޮޅަކަށް ހެދުމަށެވެ.

ފައިމަގުގައި އުޅޭނެ ގަޑިއެއް ކަނޑައެޅުމަށް ހުށައެޅުމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފައިމަގުގައި އުޅޭ ވަގުތެއް ކަނޑައަޅާއިރު އެކަން ކުރާނީ ކޮންކޮން ތަންތަނެއްގައިތޯ ނިންމެވުން މުހިންމު ކަމަށެވެ.

މީގެ އިތުރުން މޭޔަރު ވަނީ މީގެ ކުރީ އަހަރުތަކުގައި ހުޅުމާލޭގައި އެފަދަ ވަގުތެއް ކަނޑައެޅުމުން ރައްޔިތުންނަށް ދިމާވި އުނދަގޫތަށް ފާހަގަ ކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ކުރި ބަހުސަށްފަހު ކައުންސިލުން ނިންމާފައިވަނީ، އީދު ދުވަހު 16:00 އިން 20:00 އަށް ހުޅުމާލެ ނުހިމެނޭގޮތަށް، ހަމައެކަނި މާލޭގައި ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅުމަށެވެ.