20 Mar 2012, 15:13
ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް އިއްޔެ އެމްޑީޕީން ކުރި މުޒާހަރާގެ ތެރޭގައި ގާ އުކައި ވީޓީވީ އަށް ދިން ގެއްލުންތައް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާއަށް އަރާކަމަށް ވީޓީވީން ބުނެފި އެވެ.
ވީޓީވީގެ އެގްޒެކްޓިވް ޗެއާމަން އަމީން އިބްރާހިމް ވިދާޅުވީ އެމްޑީޕީ މުޒާހަރާގައި ވީޓީވީގެ އިމާރާތަށް ދިން ގެއްލުންތަކަށް ގާތްގަނޑަކަށް މިލިއަނެއް ހާ ރުފިޔާ އަރާ ކަމަށާއި އެ ތަނަށް ގެއްލުން ދިނީ ކޮން ބައެއްކަން އެނގޭ ފަދަ ވީޑިއޯ ފުޓޭޖްތަކެއް ވެސް އެބަހުރި ކަމަށެވެ.
އިއްޔެ ދިން ހަމަލާއަށް ފަހު ވީޓީވީ އިމާރާތް މިހާރު ވަނީ އަލުން މަރާމާތު ކުރަން ފަށާފަ އެވެ. އަމީން ވިދާޅުވީ އަލުން މަރާމާތު ކުރުމުގައި ކުރިން ބިއްލޫރި ޖަހާފައި ހުރި ތަން މިފަހަރު ހަދަނީ ގަލުން ރާނައިގެން ކަމަށެވެ. އަދި ވިދާޅުވީ ބިއްލޫރިތައް ތަޅާލުމުން ބިއްލޫރި ޖަހާފައި ހުރިތަން ރޭނީ ވަގުތީ ގޮތުން ކަމަށާއި ފަހުން އެ ތަނުގައި ބިއްލޫރި ދޮރުފަތް ޖަހާނެ ކަމަށެވެ.
"އެތަން ރާނާފަ އެހެރީ ވަގުތީ ގޮތުން. ފަހުން އެތާގައި އަޅުގަނޑުމެން ބިއްލޫރި ދޮރުފަތް ޖަހާނަން،" އަމީން ވިދާޅުވި އެވެ.
އިއްޔެ އެމްޑީޕީން ކުރި މުޒާހަރާގައި ވީޓީވީ އަށް ގެއްލުން ދިން މައްސަލައިގެ ތުހުމަތަށް ބައެއް މީހުން ހައްޔަރުކޮށް ފުލުހުން މިހާރު ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފައެވެ. ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމުމުން ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.
އެމްޑީޕީން ކުރާ މުޒާހަރާތަކުގައި ވީޓީވީއަށް ހަމަލަ ދިނުމާއި އެ ސަރަހައްދަށް އެއްވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. މީގެ ކުރިން އެ ސްޓޭޝަންގައި އަލިފާން ވެސް ރޯކޮށްލި އެވެ.