28 Apr 2022, 13:15
ބެޑް ރެސްޓް ކުރަން މަގުފަހި ކޮށްދޭން ކަމަށް ބުނެ ކަރެކްޝަނުން ކުރި ކަންކަމުން ލިބުނީ އިތުރު ތަކްލީފްތަކެއް ކަމަށް, މީހަކު މެރުމަށް އެހީތެރިވިކަމުގެ ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބުނެފިއެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ ބަންދާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ދޫކޮށްލުމަށް ދިފާއުން ވަނީ އެދިފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ މާވިން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
މޭރީގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިންއަށް ވަނީ މަރުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު މިއަދު ވަނީ ލަމްހާގެ ބަންދު މުރާޖާ ކުރުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ލަމްހާ ދޫކޮށްދިނުމަށް އެދި ދިފާއުން ވަނީ ގިނަ ނުކުތާތަކެއް ފާހަގަކޮށްފައެވެ. އެއްކަމެއްގެ ގޮތުން ފާހަގަކޮށްފައިވަނީ ބަލި ހާލަތު ހުރި ގޮތުން ބެޑް ރެސްޓް ކުރުމަށް ޑޮކްޓަރު ލަފާދީފައިވުމެވެ. އެކަން ޖަލުގައި ނުކުރެވޭ ކަމަށް މީގެ ކުރިން ވެސް ލަމްހާގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.
އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ, އަމިއްލައަށް އެއްޗިހި ދޮންނަން ޖެހުމުގެ ސަބަބުން ބެޑް ރެސްޓިންއަށް ހުރަސްތަކެއް ހުރުމުން ކަރެކްޝަނުން އެކަން ކޮށްދެމުންދާ ކަމަށެވެ.
ބާލިދީއަށް ފެންއަޅައިގެން ބޭނުން ކުރަން ޖެހުމަކީ ވެސް ތަކުލީފެއް ކަމަށް މީގެ ކުރިން ލަމްހާ ފާހަގަކޮށްފައިވާތީ, ކަރެކްޝަނާ ހަވާލާ ދެއްވައި ދައުލަތުން އިރުޝާދު ދެއްވީ ބަރު ނުވާނެ ވަރަށް ބާލިދީއަށް ފެން އަޅައިގެން ބޭނުން ކުރުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން ލަމްހާ ބުނީ, ބެޑް ރެސްޓް ކުރަން މަގުފަހި ކޮށްދޭން ކަމަށް ބުނެ ކަރެކްޝަނުން ކުރި ކަންކަމުން ލިބުނީ އިތުރު ތަކްލީފްތަކެއް ކަމަށެވެ.
އެގޮތުން ފެން އެޅުމަށް ދީފައިވަނީ ދެ ފޫޓް ހަމަވާވަރުގެ ހޮޅިއެއްކަން ފާހަގަކޮށް ލަމްހާ ބުނީ, ފެންވަރާ މާގަނޑަށް ގުޅައިގެން އެ ހޮޅިން ބާލިދީއަށް ފެން އެޅުމަކީ ދަތި ކަމެއް ކަމަށެވެ.
"ސެލްގަ އުޅޭ ކުދިންނަށް ވެސް އެ ހޮޅިގަނޑާހެދި އުނދަގޫވެގެން އުޅެނީ. މިހާރު އަޅުގަނޑުގެ ނަންވެސް އެބަ ބަދަލު ކުރޭ ހޮޅިގަނޑާ ގުޅުވައިގެން. އެއްވެސް ކަހަލަ ފައިދާއެއް އެހޮޅިގަނޑަކުން އަޅުގަނޑަކަށް ނުވޭ," ލަމްހާ ބުންޏެވެ.
ތަށި ފަދަ ތަކެތި އަމިއްލައަށް ދޮންނަން ޖެހޭކަން ފާހަގަކޮށް ލަމްހާ ބުނީ ސިންކް ހުންނަނީ ކަކުލަށްވުރެ ތިރީގައި ކަމަށާއި އެހެންކަމުން ގުދުނުވެ ތަށި ނުދޮވެވޭ ކަމަށެވެ.
"އަނެއްކާ ސޯޝަލް މީޑިއާ މިތަނަށް ވަދެ ނިކުމެ ހަދާތީވެ ޖަލުތެރޭގައި އަޅުގަނޑު މަޝްހޫރުވެފައި އިންނަނީ މިކަން ކޮށްގެން ގެނައި މީހެއްގެ ގޮތުގައި. އިންވެސްޓިގޭޝަނެއް ވެސް ގެންދަން ނުޖެހޭ ފެންވަރުގެ މީހެއް ގޮތުގައި އިންނަނީ. އެހެންވީމަ އެތަނުގެ ތެރެއިން ވެސް މާބޮޑު އެހީތެރިކަމެއް އަޅުގަނޑަކަށް ނުލިބޭ," ލަމްހާ ބުންޏެވެ.
ދެފަރާތުން ދެއްކެވި ވާހަކަތަކަށް ފަހު ލަމްހާގެ ބަންދާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން އަންނަ މަހުގެ 12 ވަނަ ދުވަހަށް ގާޒީ ވަނީ ތާވަލްކޮށްފައެވެ.