އިންޑިއާއާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ "ފްރެންޑްޝިޕް ގުރޫޕް"އެއް ހެދުމަށް މަޝްވަރާކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އޯމް ބިރްލާއާއެކު އިއްޔެ އެ ގައުމުގައި ބޭއްވެވި ބައިލޭޓަރަލް ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ބަރުލަމާނީ ޑިޕްލޮމެސީ އިތުރަށް ހަރުދަނާ ކުރުމުގެ ބޭނުންތެރިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބިރްލާ ވަނީ ވަރަށް އަވަހަށް އިންޑިއާ-ރާއްޖެ ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕެއް އެކުލަވާލާނެ ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން ވެސް ވަނީ ބައެއް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން ބިރްލާ ވަނީ ދެ ގައުމުން ވެސް ޑިމޮކްރެޓިކް އުސޫލުން ސަރުކާރު ހިންގަން ގަބޫލުކުރާ ކަމަށާއި ޑިމޮކްރެޓިކް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މެދުގައި ގަވާއިދުން މަޝްވަރާކުރުމަކީ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް އެހީތެރިވެދޭނޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޑިޖިޓަލައިޒޭޝަން، އާކައިވްސް އަދި ލެޖިސްލޭޓިވް ޑްރާފްޓިންގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދިނުމަށް، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު ވެވުނު އެމްއޯޔޫ ކާމިޔާބުކަމާއެކު ތަންފީޒުކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ޗައިނާއާއެކު ވެސް ފްރެންޑްޝިޕް ގުރޫޕެއް އެކުލަވައިލައިފައެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޗައިނާ-މޯލްޑްވިސް ޕާލިޕަންޓްރީ ފްރެންޑްޝިޕް ގްރޫޕުގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.