މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށްވުރެ މިއަހަރުގެ ފެބްރުއަރީ މަހު މާލޭގެ އިންފްލޭޝަން ރޭޓް 19.98 ޕަސެންޓު މަތިވެފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން (ޑީއެންޕީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މަހުގެ އަގުތަކަށް އައި ބަދަލާ ނުލައިވެސް އެ އަދަދު 14.4 ޕަސެންޓަށް އަރަ އެވެ.

ޑީއެންޕީން މިދިޔަ އާދީއްތަ ދުވަހު އާއްމުކޮށްފައިވާ ފެބްރުއަރީ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން ފެބްރުއަރީ މަހު އިންފްލޭޝަން އެންމެ މައްޗަށް ގޮސްފައިވަނީ މަހުގެ ބާވަތްތަކުންނެވެ. މަހުގެ ބާވަތްތަކުން އެކަނި ވެސް އިންފްލޭޝަން ރޭޓް ވަނީ 134 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

އެ ރިޕޯޓުން ދައްކާގޮތުން މަހުގެ ބާވަތްތަށް ފިޔަވައި ފެބްރުއަރީ މަހު އިންފްލޭޝަން އެންމެ މައްޗަށް ގޮސްފައިވަނީ ދުންފަތުގެ ބާވަތްތަކުންނެވެ. ދުންފަތުގެ ބާވަތްތަކުން އިންފްލޭޝަން 105 ޕަސެންޓް މަތިވެފައިވާއިރު ހޮޓާ ކެފޭ އަދި ރެސްޓޯރެންޓުގެ ބައިގެ އިންފްލޭޝަން 41 ޕަސެންޓް މަތިވެފައިވާ ކަމަށް އެ ރިޕޯޓު ބުނެއެވެ.

ޑީއެންޕީން ބުނީ މިއަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހު އިންފްލޭޝަން މައްޗަށް ދިއުމަށް އެހެނިހެން މުދަލާއި ހިދުމަތުގެ ބައިން 44 ޕަސެންޓް ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އެބައިން އަގު މަށްޗަށް ދިޔަ ތަކެތީގެ ތެރޭގައި މޫނުގައި އުނގުޅާ ކްރީމާއި ޝޭމްޕޫ އާއި ބޮލުގައިލާ ކްރީމް އަދި ގަތް އުނގުޅާ ބޭހުގެ އިތުރުން ކޮލޯން ހިމެނޭ ކަމަށް ޑީއެންޕީން ބުނެއެވެ. އަދި ދެވަނައަށް އިންފްލޭޝަން ރޭޓް މަތިވުމުގައި ހިއްސާވަނީ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނުގެ ބައި ކަމަށް ޑީއެންޕީން ބުނެއެވެ.