28 Apr 2022, 11:00
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.
މިއީ ގދ. ތިނަދޫ، "ޔަންގް ލީޑާސް އޮފް ތިނަދޫ"އާއި އެ ރަށު ކައުންސިލް އިދާރާ ގުޅިގެން އިއްޔެއިން ފަށައިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
ތިނަދޫ ޔަންގް ލީޑާސްއަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި ސުކޫލު ނިންމާފައި ތިބި، އުމުރުން 23 އަހަރުން ދަށުގެ ބައެއް ކުދިން ގުޅިގެން މިފަދަ ވޮލަންޓިއާ މަސައްކަތްތަކުގައި ހަރަކާތްތެރިވުމަށް އުފައްދާފައިވާ ގްރޫޕެއް ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ފަޤީރުންނަށް އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ތިނަދޫ ކައުންސިލް
"ސަން"އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ޢަލީ ވިދާޅުވީ މިއީ ކައުންސިލާ ވެސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލުން މި ކަމުގައި ބައިވެރިވި މައިގަނޑު ސަބަބަކީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުމުގައި ވެސް އިތުރު ބާރަކަށް ވާނެތީ ކަމަށެވެ.
"މިއީ ކައުންސިލާ ވެސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތަކަށް ވުމުން އެހީތެރިކަން ފޯރުކޮށްދޭ ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ޔަގީން ވެގެންދާނެ ދެއްތޯ މިކަން މި ކުރިއަށް މި ގެންދަނީ ކައުންސިލާ ވެސް ގުޅިގެންކަން. އަދި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ވެސް ލިބިގެންދާނެތީވެ މިކަމުގައި އަޅުގަނޑުމެންގެ ސަޕޯޓް ދޭން ބޭނުންވީ،" ސައުދު ވިދާޅުވިއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ފަޤީރުންނަށް އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ތިނަދޫ ކައުންސިލް
ސައުދު ވިދާޅުވީ މި ހަރަކާތުން ލިބޭ އެހީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭގެ ހައްގުވެރި ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމަށް ޓަކައި ޖަމާ ކުރާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އެކައުންޓަށް ކަމަށެވެ.
އިތުރަށް ސައުދު ވިދާޅުވީ ކައުންސިލުން މިކަމުގައި އިސް ނެގީ މިއީ ވަރަށް މަތިވެރި މަގުސަދެއްގައި ކުރިއަށް ގެންދާ ހަރަކާތަކަށް ވާތީ ކަމަށެވެ.