ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭނީ އިންޑިއާއަށް ކަމަށާއި "ބިން ފޭރުމަށް" ޗައިނާއަށް ޖާގައެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ ގައުމުގެ ވެރިރަށް، ނިއު ދިއްލީގައި ދެއްވި ތަގުރީރެއްގައި ނަޝީދު ވިދާޅުވީ ދިވެހިން ބޭނުން ވަނީ އިންޑިއާއާއެކު ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއްވީމަ، އަޅުގަނޑަށް ލިބޭ ވޯޓު މަދުވާނެ އެއްވެސް ވާހަކައެއް ނުދައްކާނަން. އެހާވެސް ބޮޑު ޔަގީންކަމެއް އެބައޮތް ދެ ގައުމުގެ ދެމެދުގައި މިއަށްވުރެ ވެސް ގާތް، ފައިދާހުރި ގުޅުމެއް ގާއިމުކުރެވޭނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޗައިނާގެ މަޝްރޫއުތަކަކީ "ދަރަނީގެ ދަންތުރަ"ތަކެއް ކަމަށާއި، އޭގެ މަގުސަދަކީ "ބިން ފޭރުން"ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރެއްވިއެވެ.

"ބިން ފޭރުމަށް ފަހިވާ ގޮތަށް ހެދި ގާނޫނުތައް އަޅުގަނޑުމެން އުވާލައިފިން. އެކަމަކުވެސް ހަގީގަތް އަދިވެސް ބަދަލެއް ނުވޭ. ޗައިނާގެ ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި އުމްރާނީ މަޝްރޫއުތައް ދީފައި އެބަހުރި،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ޕްރޮޖެކްޓްތަކުގެ އަގު އާދަޔާޚިލާފަށް ބޮޑު ކަމަށާއި، އެހެން ހަދަނީ ގަސްދުގައި ދަރަނިވެރި ކުރުވަން ކަމަށެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ ޗައިނާއިން ބޭނުންވަނީ ރާއްޖޭގައި ޑިކްޓޭޓާޝިޕެއް ގާއިމުކުރުމަށް ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

"ޗައިނާއިން ބޭނުންވަނީ ޚުދުމުހުތާރު ވެރިކަމެއް ގާއިމުކޮށް ޑިމޮކުރަސީ ފުހެލަން، އެއަށްފަހު އެމީހުން ބޭނުން ކަމެއް ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އިދިކޮޅު ފަރާތްތަކުން އިސްވެ ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ހަފުތާއެއް ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ނިންމާ ގަރާރެއް ނެރުއްވާފައެވެ.

"އެކިއެކި ޝިއާރުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފްރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" މި ނަމުގައި ރައީސް ނެރުއްވި ގަރާރަކީ ގާނޫނާ ޚިލާފު ގަރާރެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ މިހާރު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ނަޝީދަކީ މީގެކުރިން އެތައް ފަހަރެއްގެ މަތިން ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އެ ތުހުމަތުތައް އެ ގައުމުން ރާއްޖެއަށް ކުރިން ކަނޑައެޅި ސަފީރު ޖަންގް ލީ ޖޮންގް ވަނީ ދޮގުކުރައްވާފައެވެ.