ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކުރުމަށް އިންޑިއާއިން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އިންޑިއާއިން އެގޮތަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ, އެގައުމުގެ ޕަވާ އެންޑް ނިއު އެންޑް ރިނިވަބަލް އެނާޖީ މިނިސްޓަރު ޝްރީ ރާޖް ކުމާރު ސިންގްއާ އެކު ރާއްޖޭގެ އެންވަޔަރަމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ބޭއްވި ބައްދަލުވުމުގައެވެ.

އިއާދަކުރަނިވި ހަކަތައާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ އެ މަޝްވަރާތަކުގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކުރުމަށް އިންޑިއާއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރާއްޖޭގެ އެންވައިރުމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް އެކަމުގެ އިތުރު ތަފްސީލް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިނިސްޓަރު ޝައުނާ އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ: އެންވައިރުމެންޓް މިނިސްޓްރީ

އިންޑިޔާ ސަރުކާރާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ފަރާތުން މިމަހުގެ 25 ން 27 އަށް އިންތިޒާމްކުރި "ސެވަންތް އެޑިޝަން ރައިސީނާ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށްފަހު، މިނިސްޓަރު ޝައުނާ މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.

ރައިސީނާ ޑައިލޮގްގެ އެކި ޕެނަލްތަކުގައި މިނިސްޓަރު ޝައުނާ ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އިންޑިއާގެ "ނިއު ފިއުލްސް، އޯލްޑް އެސްޕިރޭޝަންސް: މޫވިންގް ދަ ނެކްސްޓް ފައިވް ބިލިއަން"ގެ ޕެނެލް ޑިސްކަޝަނާއި "ފްރޮމް މައުންޓެން ޓު އޯޝަން: ހާރނެސިންގް ކޮމާރސް، ކަނެކްޓިވިޓީ އެންޑް ކްރިއޭޓިވިޓީ"ގެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޝައުނާ ވަނީ ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން މިނިސްޓަރު ޝައުނާގެ މި ދަތުރުގައި އިންޑިޔާ ސަރުކާރުގެ އިސްފަރާތްތަކާ ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން މިނިސްޓަރ އޮފް ރެއިލްވޭސް ކޮމިއުނިކޭޝަންސް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން އަޝްވިނީ ވައިޝްނަވާއިއާ ބައްދަލުކުރައްވައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ރާއްޖޭގެ ޑިޖިޓަލް އައިޑީ އުފައްދަމުންދާއިރު އިންޑިއާގެ ޑިޖިޓަލް ސިސްޓަމެއް ގާއިމްވެފައިއޮތް ގޮތާ ގުޅޭ ގޮތުން މައުލޫމާތު ބަދަލުކުރުމާއި މި މަސައްކަތައް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރު ޝައުނާ އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ: އެންވައިރުމެންޓް މިނިސްޓްރީ

އިންޑިއާގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ބުޕެންޑަރ ޔާދަވް އާއި ބައްދަލުކުރައްވައި "ކޮޕް 26" އަށްފަހު އައި ކުރިއެރުމާއި "ކޮޕް 27" އާއި ހަމައަށް ވާސިލުވާއިރު އެޑެޕްޓޭޝަނަށް ސަމާލުކަންދީގެން އިތުރަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން ދެ ވަޒީރުންގެ ދެމެދުގައި ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މިނިސްޓަރު ޝައުނާގެ މި ދަތުރުފުޅުގައި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތްކުރައްވައި ހައި ކޮމިޝަނަރ އޮފް މޯލްޑިވްސް ޑރ. ހުސެން ނިޔާޒާއި އަދި ހައިކޮމިޝަންގެ މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރު ޝައުނާ އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން --- ފޮޓޯ: އެންވައިރުމެންޓް މިނިސްޓްރީ

މީގެ އިތުރުން ވޯލްޑް ބޭންކް ސްޕްރިންގ މީޓިން 2022 ގެ އިސްވެރިންގެ ރައުންޑް ޓޭބަލް ވެބިނާރ ކަމަށްވާ "އިންވެސްޓިން އިން ހިއުމަން ކެޕިޓަލް ސިސްޓަމްސް އިން ސައުތް އޭޝިޔާ: ދަ ކީ ޓު ސަސްޓެއިނަބަލް، އިންކްލޫސިވް އެންޑް ރެސިލިއަންޓް ގްރޯތް ގައި މިނިސްޓަރ ޝައުނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝައުނާ ވަނީ އިންޑިއާގެ ފޮރިން ސެކެޓްރީ ދެއްވި ރޭގަނޑުގެ ޚާއްސަ ފަރީކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.