އިލެކްޝަން ކޮމިޝަނަކީ މިނިވަން ތަނެއްކަމަށް ގަބޫލު ނުކުރާ ކަމަށް ގައުމީ ޕާޓިން މިއަދު ބުނެފި އެވެ.

ގައުމީ ޕާޓީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ އިލެކްޝަން ކޮމިޝަނަކީ މިނިވަން ތަނެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީން މީގެ ކުރިން ދައުލަތުގެ އެތައް މުދަލެއް ހުޅުޖަހާ އެތައް ކަމެއް ކުރިއިރި އެކަންކަމާ މެދު އަޅާނުޅައިތިއްބެވުމަށް ފަހު އިއްޔެ މާލޭގައި ހިނގާދިޔަ ހާދިސާ ތަކާއި ގުޅިގެންވެސް އިލެކްޝަނުން ނެރެފައިވާ ފިނޑި ނޫސްބަޔާނުން އެކަން އިތުރަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.

"އެމްޑީޕީން ހިންގި ހަރަކާތްތަކާއި ގުޅިގެން އިއްޔެ އިލެކްޝަނުން ނެރެފައިވަނީ ވަރަށް ފިނޑި ނޫސް ބަޔާނެއް. ބުނަން ނުކެރި އެކަން ކުށްވެރިވެސް ނުކުރެ ވަރަށް ފިނޑި ގޮތަކަށް ނެރެފައިވާ ބަޔާނެއް އެއީ،" ރިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން އެތައް ދުވަހެއް ވަންދެއް އެތައްބަޔަކަށް އުނދަގޫކޮށް އެތައް ބައެއްގެ މުދަލާއި ތަކެއްޗާއި ދައުލުތުގެ ޢިމާރާތް ތަކަށާއި މުދަލަށް ގިނަ ގެއްލުންތަކެއް ދީ ހަދާފައިވާއިރު އެކަންކަން އިލެކްޝަން ކޮމިޝަނަށް ބެލިފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީން އެތައްކަންތަކެއް ކުރިއިރު ވެސް މިދެންނެވިކަންކަން އިލެކްޝަން ކޮމިޝަނަށް ބެލިފައެއް ނެތް އަޅުގަންޑުމެންނަށް މިއަދު އެބައެނގޭ އެ ކޮމިޝަނުގެ ހާލަތު އޮތްގޮތް. އެތަން ކޮންޓްރޯލްކުރަނީ ކޮން ބައެއްކަމާ އެކަން ކުރާ ގޮތް. ނަމަވެސް އަޅުގަނޑުމެން މިދަންނަވަނީ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން އެބޭފުޅުން ކުރަން ޖެހޭނޭ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި އެމްޑީޕީން ހިންގިކަންކަން އިލެކްޝަން ކޮމިޝަނުން ފުރިހަމަ ގޮތެއްގައި ބަލާފައި ނުވާތީ އެކޮމިޝަން ޖަވާބުދާރިކުރުމަށް ރައްޔިތުންގެ މަޖިލިހުން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށާއި އިލެކްޝަން ކޮމިޝަނަކީ މިނިވަން ތަނެއްގެ ގޮތުގައި ބޭއްވުމަށް ގައުމީ ޕާޓީން މަސައްކަތްކުރައް ވާނެ ކަމަށެވެ.

ކޮމިޝނުން އިއްޔެ ނެރުނު ބަޔާނުގައި ބުނަނީ ސިޔާސީ ޕާޓީ ތަކުގެ ގަވާއިދާ ޚިލާފަށް އެމްޑީޕީން އަމަލު ކުރަމުންދާ ކަމަށެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ބުނެފައި ވަނީ ގާނޫނީ އިންތަކާ ސުލޫކުގެ ބޭރުން ސިޔާސީ ހަރަކާތްތައް ހިންގުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ހާލަތު ދުވަހަކު ދަށަށްނުދާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށާއި އެކަމާ އިންތިހާއަށް އެކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ. ވަކިން ޚާއްސަކޮށް އެމްޑީޕީން އިސްނަގައިގެން ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ޚިލާފަށް ކުރަމުންގެންދާ ހަރަކާތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ސުލްހަވެރިކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން ސިޔާސީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް އެމްޑީޕީއަށް އިލްތިމާސްކުރާ ކަމަށެވެ.