27 Apr 2022, 14:51
"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކަލެއް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ޤަރާރު ބާތިލް ކުރަން އިދިކޮޅު ޕީޕީއެމްއިން މިއަދު ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ޕީޕީއެމްގެ ގާނޫނީ ވަކީލުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލާގައި އެދިފައި ވަނީ ރައީސްގެ ގަރާރަކީ ގާނޫނާ ހިލާފު ގަރާރެއް ކަމުން އެ ގަރާރު ބާތިލު ކޮށްދިނުމަށެވެ.
ރައީސް ޞާލިޙު ސޮއިކުރައްވައި މިދިޔަ ބުދަ ދުވަހު ގެޒެޓުކޮށްފައިވާ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި، ނުރައްކާ އޮތް ކަމެއް ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.
މީގެ އިތުރުން އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުން ގެއްލި، ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ގަރާރުގައިވެއެވެ.
އެ ނުރައްކަލުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ލިބި، ރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ބޭރުގައި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށާއި ރާއްޖޭގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމަށް ވެސް ގަރާރުގައިވެއެވެ.
އެހެންކަމުން ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.
ރައީސްގެ ގަރާރަށް ފަހު ފުލުހުން ނުކުމެ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ދެކޮޅު ހިމެނޭގޮތަށް "އިންޑިއާ އައުޓް" ބެނާ ހަރުކޮށްފައި ވަނިކޮށް އެ ބެނާތައް ނަގައިފައެވެ. އަދި އެ ހަރަކާތަށް ދެން ފުރުސަތު ނުދޭނެ ކަމަށް އެންގިއެވެ.