27 Apr 2022, 13:01
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން އޭނާގެ ފިރިކަލުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ ދިފާއުގައި ނުކުންނަވައިފިއެވެ.
ހިސާން ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ނާޒިލްގެ އިސްތަށިފުޅުގައި އަޅުވަމުންދާ ވައްކަމާއި، ކޮރަޕްޝަންގެ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ. ހިސާންގެ ޓުވީޓުގައި ވަނީ އޭނާގެ ފިރިމީހާއަކީ މި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ނަންގަވައިގެން އުޅުއްވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ.
"ނާޒިލްއަކީ މި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ނަގައިގެން އުޅޭ މިހެއްނޫން. އަދި ސަރުކާރުގެ އެއްވެސް އިއުލާނަކަށް ބިޑު ކުރާ މީހެއްވެސް ނޫން،" ހިސާން ވިދާޅުވިއެވެ.
ހިސާންގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް ތާއިދުނުކުރާ އެންމެންނަކީ ވަގުން ކަމަށް ކިޔުމަކީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތް ނޫންކަމަށެވެ.
"އިންތިއަށް ތާއިދުނުކުރާ އެންމެންނަށް ވަގު ތުހުމަތު އަޅުވާ ކޮރަޕްޓު ކަމަށް ކިޔުމަކީ އެމްޑީޕީއަށް އެންމެ ފައިދާ ހުރި ގޮތެއްނޫން،" ހިސާން ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެމްޑީޕީ ދެކަފިވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފެކްޝަނަކާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނެއް ވަނީ އުފެދިފައެވެ.
އޭގެ ތެރެއިން ނަޝީދުގެ ފެކްޝަނުގައި އިންތިއަށް ތާއިދު ކުރައްވާ މެންބަރުން ތިއްބެވި އިރު، ރައީސް ޞާލިޙުގެ ފެކްޝަންގައި ތިއްބެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ތާއިދު ކުރައްވާ މެންބަރުންނެވެ.
އެ ދެ ފެކްޝަނުން ބަހުގެ ހަމަލާތައް ބަދަލުކުރަމުން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ރޭ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.