20 Mar 2012, 14:31
ސިޔާސީ މަޝްރަހަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ޕާޓިތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ޕާޓީތަކާ މަޝްވަރާ ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ހުޅުވަން މާޗް އެއްވަނަ ދުވަހު ބާއްވަން މަސައްކަތް ކުރި ފުރަތަމަ ޖަލްސާއަށް އެމްޑީޕީން ހުރަސްއެޅުމާއި ގުޅިގެން ޕާޓީތަކުގެ މަޝްވަރާތަކުން ސިޔާސީ ޕާޓީތައް ވަނީ ވަކިވެފަ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ މަޝްވަރާތައް އަލުން ފެށުމަށް އޯލްޕާޓީ ޓޯކްސް ވިލަރެސް ވެރިޔާ ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާގެ ފަރާތްޕުޅުން މިހާރު ޕާޓީތަކާއެކު ނުރަސްމީ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މަޝްވަރާގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ކަމަށާއި އެ މަސައްކަތްކޮށް ރައީސްގެ މަގުޗާޓް ފުރިހަމަ ކުރާނެ ކަމަށެވެ. އެކަމުގައި ކޮމަންވެލްގެ ފަރާތުން މިހާރު ރާއްޖެ ވަޑައިގެން ހުންނެވި މަންދޫބު، ޑޮން މެކިނަން އާއި އީޔޫގެ އެހީތެރިކަން ހޯދައްވާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ޕާޓީތަކުގެ މަޝްވަރާތައް ބާއްވާ އަވަސް އިންތިހާބެއްގެ ތާރީހު ކަނޑައެޅުމަށް ޕާޓީތަކާއި އެކު ކުރެވެމުންދިޔަ މަޝްވަރާތަކުން ޑިއާރްޕީއާއި ޕީޕީއެމް އަދި އަދާލަތު ޕާޓީގެ އިތުރުން ޕީއޭ އިން ވަކިވެފައިވާއިރު އެ ޕާޓީތަކުން ބުނެފައިވަނީ މަޝްވަރާތައް ކުރިއަށްގެންދެވޭނީ ރައްޔިތުން މަޖިލީސް ހުޅުވުމަށް ފަހު ކަމަށެވެ. އޭގެ ތެރެއިން ޕީއޭ ބުނެފައި ވަނީ މަޝްވަރާތަކަށް ދާނީ އެކަމުގައި އދ. ގެ ރޯލެއް ބާއްވާ ނަމަ ކަމަށެވެ.
އަދި މަޝްވަރާތަކުގައި ބައިވެރިވުމަށް ގޮވާލާފައި ނުވާތީ ހިތްހަަމަ ނުޖެހިގެން ބައެއް ކުދި ޕާޓީތަކުން ވަނީ އިއްތިހާދެއް ވެސް ހަދާފަ އެވެ.