27 Apr 2022, 12:01
ރާއްޖެއިން ޢުމްރާއަށް ގޮސް އުޅުނު ބ. އޭދަފުށީ މީހަކު މިއަދު ނިޔާވެއްޖެއެވެ.
ބ. އޭދަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހް "ސަން"އަށް ވިދާޅުވީ އެ ރަށު މާބަގީޗާގޭ އުމުރުން 76 އަހަރުގެ އަބޫބަކުރު ޙަސަން ނިޔާވެފައިވަނީ މައްކާގެ ޙަރަމްފުޅުގައި ފަތިސްނަމާދު ކޮށްގެން އެނބުރި ހޮޓަލަށް ދިޔަ ތަނުން ކަމަށެވެ.
މުސާފިރީން ގުރޫޕާއެކު އަބޫބަކުރު ޙަސަން ޢުމްރާއަށް ގޮސްފައިވަނީ އަންހެނުންނާއި ބައެއް ކާފަދަރިން ވެސް ގޮވައިގެންނެވެ.
ފާތިހް ވިދާޅުވީ އަބޫބަކުރު ރަށުން ފުރިއިރު ހުރީ ގަދަވެ ސަލާމަތުން ކަމަށާއި އޭރު އެއްވެސް ވަރަކަށް ބަލިވެ ނޫޅޭ ކަމަށެވެ.
"ބަރާބަރަށް މިސްކިތައް ނަމާދަށްވެސް ދާނެ. ގޮނޑީގަ އިންނަވާނީ ނަމާދުކުރަން. އެއްމެންނާވެސް ވަރަށް ގުޅޭނެ. އެހާ ހިތްހެޔޮވާނެ. އަޚްލާގު ރަނގަޅު ޚުލްގު ހެޔޮ ބޭފުޅެއް އެއީ،" ފާތިހް ވިދާޅުވިއެވެ.
ރާއްޖެއިން އުމްރާއަށް ދިޔަ ދިވެއްސަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ނިޔާވެފައިވެއެވެ. އެއީ ނ. ހޮޅުދޫ، ސާދާގެ، ހާމިދު މުޙައްމަދެވެ.