27 Apr 2022, 10:09
އެ ކުއްޖާ މާ ވަރަކަށް އޭނާއަށް ބަލާތީ މާކިންއަށް ކުރެވުނީ ތަފާތު އިޙްސާސްއެކެވެ. އޭނާގެ ހިތުގައި އުފާވެރިރާގެއް ކުޅެލެވުނު ނަމަވެސް، ހަޤީގަތުގައި އޭރު ވެގެން އުޅޭ ގޮތެއް އޭނާއަކަށް ރޭކާނުލައެވެ.
މާކިންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"އެކްސް ކިއުޒް މީ؟" އެ އަންެހެން ކުއްޖާގެ ލުއިލުއި އަޑާއެކު ހިނިތުންވުން ފުޅާކޮށްލަމުން މާކިން އިސްއުފުލައިލިއެވެ.
"ޔެސް..." މާކިން ބުނެލިއެވެ.
އެ އަންހެން ކުއްޖާ އަތުން މާކިންގެ އަތުގައި އޮތް ފޮތަށް އިޝާރާތްކޮށްލުމުން މާކިން އެއަށް ބަލައިލިއެވެ.
"ފޮތް ތިއޮތީ އެކޮޅުކޮޅުން..." އިނގިރޭސިން ވާހަކަ ދެއްކި އެ ކުއްޖާގެ އަޑު އިވުމާއެކު ވީ ގޮތް މާކިންއަށް ނަގައިގަނެވުނެވެ. އެ ހުރިހާއިރު ކެތްކޮށްގެން އިން ނާޒިލްއަށް ވެސް ހީގަނެވުނީ ގަސްތުގައެވެ. ލައިބްރަރީކަމުން އޭނާ ހިިނިގަނޑު މަތަކުރަން މަސައްކަތް ކުރިއެވެ. އޭނާ މާކިންއަށް ބަލައިލިއެވެ. އޭރު މާކިންވެސް އޭނާއަށް ބަލައިލަނީއެވެ. މާކިން ގަތްލަދާއެކު ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. އެއްފަހަރު ނާޒިލްއަށް އަނެއް ފަހަރު އެ އަންހެން ކުއްޖާއަށް މާކިން ބަލަމުން ދިޔައެވެ. ކުރެވުނު ކަންތަކުން އޭނާ އިނީ ނުހަނު ބޮޑަށް ލަދުގަތްފައެވެ.
"އޯހް" އިތުރަށް ބުނާނެ އެއްޗެއް ނޭނގުނު މާކިންއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. ލަދުންއިން މާކިންއަށް ހަދާނެ ގޮތެއް ނޭނގުނެވެ. އެތައްފަހަރަކު އެތަން ދޫކޮށްލާފައި ދާންވެސް އޭނާ ހިތަށް އެރިއެވެ. ވަށައިގެން ބަލައިލަމުން އޭނާ އަނެއްކާވެސް ނާޒިލްއަށް ބަލައިލިއެވެ. ނާޒިލް ފޮތަށް ބަލަހައްޓައިގެން އިންއިރުވެސް އިނީ ފާޑަކަށް ހިނި އައިސްފައެވެ. އޭނާ ނުވާކަމަކަށް އިނދެފައި ނާޒިލްގެ ފައިގައި ޖެހިއެވެ.
"އައްދޯތް." ވިސްނާނުލާ އިން ނާޒިލް އަށް ބުނެވުނެވެ. އެއާއެކު އެ އަންހެން ކުއްޖާވެސް ނާޒިލްއަށް ބަލައިލިއެެވެ.
"ދިވެއްސެއްތަ؟" އެ ކުއްޖާގެ ދެވަނަ ސުވާލާއެކު ނާޒިލް ބޯ ޖަހައިލިއެވެ.
"ތީވެސް ދިވެއްސެއް؟" މާކިންއަށް ވެސް ސުވާލުކޮށްލެވުނެވެ. އެ ކުއްޖާ މާކިންއަށް ބަލައިލަމުން ބޯ ޖަހައިލިއެވެ.
"ނައިސް ޓު މީޓް ޔޫ"
"ނައިސް ޓު މީޓް ޔޫ." މާކިން ބުނެލިއެވެ.
ލައިބްރަރީން ނިމިގެން ނާޒިލްއާ މާކިންއާ ދެމީހުން ދާން ނުކުތީވެސް އެ ކުއްޖާ ދިޔަފަހުންނެވެ.
"ކަލޭ ކުރާ ކަންތައް. ގައިމު މަގޭ ކައިރީ ބުނަން އެންމެ ރަނގަޅު ދޯ..." މާކިން ބުނެލިއެވެ.
"އެ ކުއްޖާ ވީ ދިވެއްސަކަށް." ނާޒިލް ދެއްކީ މާކިން ދެއްކި ވާހަކައެއް ނޫނެވެ.
"މަ ދައްކާ ވާހަކަ ދައްކަބަލަ! ފޮތް އެހެން ބާެއްވިފަ އޮތްކަން ކަލެއަށް އެނގޭދޯ!" މާކިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ގައިމު އެ ކުއްޖާ އެވަރަށް ބަލަން ހެދީމަވެސް އެނގެން ޖެހޭނެ ދޯ ކޮންމެވެސް ކަމެއް ވެއްޖެކަން. އެކަމަކު ވަރަށް ވަރު ވެފަ ދޯ ތިހުރީ. އެ ކުއްޖާ ކުރިމަތީ އިންނަން ވީމަ އެހެން ހުރިހާ ކަމެއް މަތިން ހަނދާންނެތުނީ ދޯ..." ނާޒިލް ބުނެލިއެވެ. ދެ އެކުވެރިން ކާރަށް އަރައިގެން ގެއާ ދިމާލަށް ދާން މިސްރާބުޖެހިއިރު، ކޮންމެވެސް ވަރަކަށް އަނެއްކާވެސް ވާރޭ ވެހެން ފަށައިފިއެވެ.
*****
ރޭގަނޑުގެ ވަގުތެވެ. މިޝްޔާއަށް ހޭލެވުނީ އޭނާއަށް އުނދަގޫވާވަރުންނެވެ. އޭނާގެ ގަޔަށް ހީވަނީ ހޫނު އަރާހެންނެވެ. އެއްބައިފަހަރު ހީކަރުވައިގަންނަހެންވެސް ހީވެއެވެ. ތެދުވެ އެނދުގައި ލެނގިލުމާއެކު މިޝްޔާ ދެތިން ފުން ނޭވާލިޔެވެ. އޭނާ އަތަށް ބަލައިލިއެވެ. ކޮންމެވެސް ވަރަކަށް މީހާ ތުރުތުރު އަޅަމުންދިޔައެވެ. އޭނާ އެނދުން ތެދުވަން އުޅުނު ވަގުތު ބޮލަށް ބަރުވިހެން ހީވިއެވެ. އިރުކޮޅަކު މަޑުކޮށްލުމާއެކު ރަނގަޅުވިއެވެ. އޭނާ ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އެވަރުންވެސް އޭނާއަށް ވަމުންދިޔަ އުނދަގޫތައް ކުޑައެއް ނުވިއެވެ. އެންމެ ފަހުން އޭނާ ފާޚާނާއިން ނުކުމެ ސިގިރެޓެއް ރޯކޮށްލިއެވެ. ބެލްކަންޏަށް ނުކުތުމަށްފަހު، އޭނާ ސިގިރެޓް ބޮއި ހުސްކޮށްލިއެވެ.
އެއަށްފަހު އެތެރެއަށް ވަނުމަށްފަހު އޭނާ އަތުގައި ލާރި ހުރިވަރު ބަލައިލިއެވެ. އެއަށްފަހު ލާރި ޖީބަށް ލުމަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. މިޝްޔާ ބޭރަށް ނުކުތްއިރު ބައްޕަ ރިފްއަތު ސިޓިން ރޫމު ސޯފާތަކުގައި އިތުރު ދެމީހަކާ އެކު ވާހަކަ ދައްކަން އިންދާ އޭނާއަށް ފެނުނެވެ. އޭނާއަށް ބަލައިލުމަށްފަހުވެސް، ރިފްއަތު އެއްޗެއް ނުބުނުމުން މިޝްޔާ ހިތްހަމަޖެހުނެވެ. އޭނާ ބޭރަށް ނުކުމެގެން ޓެކްސީއެއް ނަގައިގެން ކުރިންރޭވެސް ދިޔަ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
އެގެއަށް ވަނުމަށްފަހު މިޝްޔާ ކުރިން ރޭވެސް ހޯދި ޒުވާނާ ހޯދިއެވެ.
"ރިމައްޓޭ. އަހަރެން ބޭނުން 2 މިވަގުތު." މިޝްޔާ ބުނެލިއެވެ. ރިމައްޓޭ ވަގުތުން މިޝްޔާއަށް އޭނާއާއެކު އައުމަށް އިޝާރާތް ކޮށްލިއެވެ. މޭޒު ދައްކައިލުމަށްފަހު މިޝްޔާ ބޭނުންވަރަކަށް ބޭނުންކުރާށޭ އޭނާ ބުނެލިއެވެ.
****
ރިފްއަތު އައިސް ތިބި މީހުންނާ ވާހަކަ ދައްކާ ނިމުނީ ރޭގަނޑު އެގާރަ ޖަހަން އުޅެނިކޮށެވެ. އެމީހުން ދިޔުމާއެކު އޭނާ މިޝްޔާގެ ފޯނަށް ގުޅަން މަސައްކަތްކުރިއެވެ. މިޝްޔަ ބޭރަށް ދިޔަ ބޭނުން އޭނާއަށް އެނގެއެވެ. މިޝްޔާގެ ފޯނު އޮތީ ނިއްވާލާފައެވެ. އޭނާ ސޯފާގައި އިށީނެވެ.
އިރުކޮޅަކުން ރިފްއަތުގެ ފޯނު ރިންގް ވުމާއެކު އެހާ ލަހުން އޭނާއަށް ގުޅާނީ ކާކުބާއޭ ހިތާ ރިފްއަތު ފޯނަށް ބަލައިލިއެވެ. މިޝްޔާ ނުގުޅާނެކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެ. ފޯނުގެ ސްކްރީނުން ފެނުނު ނަމާއެކު އޭނާ ކުޑަކޮށް ހާސްވާގޮތްވިއެވެ.
(ނުނިމޭ)