27 Apr 2022, 02:24
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ސްޕެއިންގެ އެއް ގަދަ ބާރު ރެއާލް މެޑްރިޑާއި، ޕްރިމިއާ ލީގުގެ އެއް ގަދަ ބާރު މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގައި މޮޅު ކުޅުމެއް ދައްކައި ސިޓީން ރެއާލް ބަލިކޮށްފިއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ރިޔާޒް މަހްރޭޒްގެ އެހީތެރިކަމާއެކު މި ލަނޑު ޖަހައި ދިނީ މި ސީޒަންގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ކެވިން ޑި ބްރައިނާއެވެ.
އެ ލަނޑަށް ފަހު ވެސް ރަނގަޅަށް ކުޅެ ސިޓީން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ލަނޑު ޖަހައިދިން ޑިބްރައިނާގެ އެހީތެރިކަމާއެކު މި ލަނޑު ޖަހާފައިވަނީ ގެބްރިއަލް ޖީސުސްއެވެ.
އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި ސިޓީގެ ފޮޑެން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ރެއާލްގެ ކަރީމް ބެންޒެމާހުރަސްކޮށްދިން ބޯޅައެއްގައި އަލަބާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ފާލެންޑް މެންޑީ ދިން ބޯޅައަކުން މި ލަނޑު ޖަހައިފައިވަނީ އިތުބާރުފޯވާޑު ބެންޒެމާއެވެ. މި ލަނޑާއެކު އޭނާ ވަނީ ކެރިއަރުގައި ސީޒަނެއްގައި ފުރަތަމަ ފަހަރަށް 40 ލަނޑު ޖަހާފައެވެ.
ރެއާލްގެ ލަނޑާއެކު ސިޓީން ވަނީ 35 ވަނަ މިނެޓުގައި ބަދަލެއް ގެނެސްފައެވެ. ޑިފެންޑަރު ޖޯން ސްޓޯންސްގެ ބަދަލުގައި ފެނާންޑީނޯ ވަނީ ކުޅެންނިކުމެފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ އިތުރު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ.
ދެވަނަ ހާފު ރެއާލުން ފަށާފައިވަނީ ޑޭވިޑް އަލަބާގެ ބަދަލުގައި ނާޗޯ ކުޅެން ނެރެގެންނެވެ. ހާފު ފަށައިގެން ކުރީ ކޮޅު ސިޓީގެ މަހްރޭޒް ހުސްކޮށް ހުރެ ފޮނުވާލިހަމަލާ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައުމުން ލިބުނީ ފޯޑެންއަަށެވެ. ފޯޑެން ފޮނުވާލި ބޯޅަ ދިފާއުކުރީ ގޯލް ކުރިމަތީ ހުރި ރެއާލްގެ ޑިފެންޑަރެކެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ފުޅާ ކޮށްދިނީ ފޯޑެންއެވެ. އެއީ އޭރިޔާ ބޭރުން ފެނާންޑީނޯ ހުރަސްކުރި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ މިނެޓެއް ފަހުން ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލަށް އިތުރު ލަނޑެއް ޖަހައި އުންމީދު ހޯދައިދީފައެވެ. އެއީ އޭރިޔާ ބޭރުން މެންޑީ ދިން ބޯޅައެއް ހިފަައިގެން އޭރިޔާ ތެރެއަށް ވަދެ، ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ލަނޑު ޖެހުމަަށް ގިނަ ހަމަލާތަކެއް އުފައްދަމުން ގޮސް، ސިޓީން ވަނީ މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަަނަ ލަނޑު ޖަހާފައެވެ. އޭރިޔާބޭރުން ބޯޅަ ހިފައިގެން އެތެރެއަށް ވަންނަށް އުޅުމުގެ ތެރޭގައި ޓޯނިއޯ ކްރޫސްގެ ގައިގައި ޖެހިފައި ބްރައިނާ ވެއްޓުނު ވަގުތު، ބޯޅަ ލިބުނީ ބެނާންޑޯސިލްވާއަށެވެ. އޭނާ ހަމަ ޖެހިލާފަ ފޮނުވަލި ބޯޅަ އަމާޒުވީ ރެއާލްގެ ގޯލަށެވެ. އެ ބޯޅަ ހުއްޓުވުމަށް ރެއާލްގެ ކީޕަރު ތީބައޫ ކޯޓުއާއަށް މާބޮޑު މަސައްކަތެއްނުކުރެވުނެވެ.
ސިޓީގެ ޑިފެންޑަރު ލަޕޯޓޭގެ އަތުގައި ބޯޅަ ޖެހުމުން މެޗުގެ 81 ވަނަ މިނެޓުގައި ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮޮށް ރެއާލަށް މެޗުގެނަތީޖާގެ ފަރަގު އެއް ގޯލަށް ކުޑަކޮށްދިނީ ބެންޒެމާއެވެ.
އޭގެ ފަހުން ސިޓީއަށް ވަނީ ގާތް ގާތުގައި ލަނޑު ޖަހާނެ ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.
ރެއާލްގެ ސެންތިއާގޯ ބާނަބައުގައި މި ދެޓީމު ބައްދަލުކުރާ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 00:00 ގައެވެ.