20 Mar 2012, 14:15
މާބަނޑުމީހުން މޯބައިލް ފޯނު ބޭނުންކުރުމަކީ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑިއަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއްކަމަށް އެމެރިކާގެ ސައެންސްވެރިންގެ ޓީމަކުން ބުނެފިއެވެ.
މިކަމާބެހޭ ދިރާސާތަކެއްގެ އަލީގައި އެމެރިކާގެ ޔޭލް ޔުނިވަރސިޓީގެ ރީސާޗަރުން ބުނަނީ އަންހެނުން ބަލިވެއިނުމުން މޯބައިލްފޯނު ބޭނުންކުރާނަމަ ފޯނުގެ ރޭޑިއޭޝަންގެ އަސަރު ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑިއަށް ކޮށްފާނެކަން މާބަނޑުވެފައިވާ މީދަލަށް ކުރި މިބާވަތުގެ ދިރާސާތަކަކުން ހާމަވެފައިވާ ކަމުގައެވެ.
ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވަމުން އަންނައިރު މޯބައިލްފޯނުގެ ރޭޑިއޭޝަންގެ އަސަރުކުރުމަކީ ކުއްޖާ އުފަންވުމުން އޭނާގެ ޙަޔާތުގެ އެކިމަރްޙަލާތަކުގައި ހަނދާންބަލިވުމާއި ހާސްވުމާއި މާޔޫސްވުންފަދަ ސުލޫކީ މައްސަލަތައް ކުރިމަތިވުމުގެ ފުރްސަތު އޮތްކަމެއްކަމަށް މީދަލަށްކުރި ދިރާސާތަކުގެ އަލީގައި އެމެރިކާގެ ސައެންސްވެރިންގެ ޓީމު ދެކެއެވެ.
ނަމަވެސް އިނގިރޭސިވިލާތުގެ ސައެންސްވެރިންގެ ބަޔަކު އެމެރިކާ ސައެންސްވެރިންގެ މިވާހަކަތަކުގެ ޙަޤީޤަތާމެދު ޝައްކުކުރެއެވެ. އިނގިރޭސި ސައެންސްވެރިން ދެކޭގޮތުން މާބަނޑު މީދަލަށް މޯބައިލް ފޯނުގެ ރޭޑިއޭޝަން ދީގެން އޭގެ ދަރިއަށް ކުރާއަސަރާއި މާބަނޑު އަންހެނަކު ފޯންބޭނުންކުރުމުން އަންހެންމީހާގެ ބަނޑުގައިވާ ދަރިފުޅަށްކުރާ އަސަރު ވަރަށް ބޮޑުތަން ތަފާތުވާނެއެވެ.
ސަބަބަކީ މާބަނޑު އަންހެންމީހާ ފޯނުންވާހަކަދައްކާއިރު އޭނާގެ ރަހިމަށް ރޭޑިއޭޝަންގެ ސީދާ އަސަރުކުރާވަރަށްވުރެ ފޯނު ދުރުގައިވާނެތީއާއި މީދަލަކީ ކުޑައެއްޗަކަށްވުމުން މީދަލުގެ ރަޙިމަށް ރޭޑިއޭޝަންގެ ސީދާ އަސަރު ކުރުމުގެ ފުރްސަތު އެތަށް ގުނައެއް ބޮޑުވާނެތީއެވެ. މާބަނޑު މީދަލަށް ފޯނުގެ ރޭޑިއޭޝަން ދީފައިވަނީ އެސޮރުގެ ބޮލާހިސާބުން ކަމަށްވެއެވެ. -- ޑެއިލީ ޓެލެގްރާފް