26 Apr 2022, 17:55
ވޮޝިންޓަން (26 އެޕްރީލް 2022) : ހުޅަނގުން ހިތްހަމަ ނުޖެހުނު ނަމަވެސް އިންޑިއާގެ ގައުމީ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި ރަޝިއާއާއެކު އިންޑިއާ ބަދަހި ގުޅުންތަކެއް ބާއްވާނެކަމަށް އިންޑިއާގެ މާލީ ވަޒީރު ނިރުމަލާ ސިތާރަމަން ވިދާޅުވެއްޖެއެވެ.
އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާގެ މަޝްހޫރު ތިންކް ޓޭންކް ވޮޝިންޓަން ކައުންސިލްގައި ވާހަކަ ދައްކަވަމުން ނިރުމަލާ ވިދާޅުވީ އިންޑިއާއަށް ބޭނުންވާ ހަތިޔާރު ހޯދުމަށްޓަކައި އިންޑިއާ ރަޝިއާއަށް ބަރޯސާވާން ޖެހޭ ކަމަށެވެ. އިންޑިއާގެ ސިފައިން ބޭނުންކުރާ ގިނަ ހަތިޔާރަކީ ކުރީގެ ސޮވިއެޓް ޔުނިޔަން (ކުރީގެ ރޫސީވިލާތް) ގެ ޓެކްނޮލޮޖީއާ އަދި މިހާރުގެ ރަޝިއާ ކަމަށްވާ ރަޝިއަން ފެޑަރޭޝަންގެ ޓެކްނޮލޮޖީ ކަމުން މި ހަތިޔާރަށް ބޭނުންވާ ސްޕެއާ އިންޑިއާ ހޯދަން ޖެހެނީ ރަޝިއާ އަތުންކަން ނިރުމަލާ ފާހަގަކުރެއްވިއެވެ.
އަދި އިންޑިއާގެ އަވަށްޓެރި ދެގައުމު ކަމަށްވާ ޗައިނާއާއި ޕާކިސްތާނަކީ އިންޑިއާއެކު ސުލްހަވެރި ގުޅުންތައް ނޯންނަ އަދި އެ ދެ ގައުމުގެ ފަރާތުން އިންޑިއާއަށް ނުރައްކާތައް ކުރިމަތިވާ ދެ ގައުމު ކަމުން ރަޝިއާގެ ޒަމާނީ ހަތިޔާރަކީ އިންޑިއާގެ ދިފާއަށް ކޮންމެހެން ބޭނުންވާ އެއްޗެއްކަމާ ރަޝިއާގެ ޒަމާނީ ހަތިޔާރަށް ނޫނެކޭ ބުނުމަށް ފަހު ރަޝިއާ އާ ދުރަށް ދެވެން އިންޑިއާއަށް ނެތްކަން ނިރުމަލާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ހުޅަނގާއެކު ގާތްގުޅުންތަކެއް ބޭއްވުމަށާ އަދި އެ ގުޅުންތައް އިތުރަށް ބަދަހިކުރަން އިންޑިއާ ބޭނުންވާކަން ނިރުމަލާ ފާހަގަ ކުރެއްވިއެވެ.
ރަޝިއާއިން ޔުކްރޭންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާއެކު އެމެރިކާއާއި ޔޫރަޕް މަސައްކަތް ކުރީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ އެއްބާރުލުން ހޯދައިގެން ރަޝިއާ އިނދަޖައްސާލުމަށެވެ. ނަމަވެސް މި އެއްބާރުލުން ލިބުނީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން ކެނެޑާއާއި ދެކުނު ކޮރެއާއާއި ޖަޕާނާއި ސިންގަޕޫރުގެ ފަރާތުން އެކަންޏެވެ.
ދުނިޔޭގައި 193 ގައުމު އޮންނައިރު އޭގެތެރެއިން 157 ގައުމުގެ އެއްބާރުލުން ޔުކްރޭންގެ މައްސަލާގައި އެމެރިކާއާއި ޔޫރަޕަށް ލިބިފައެއް ނުވެއެވެ. ރަޝިއާ ހިސާރުކޮށް އެކަހެރިކޮށްލުމުގައި އެމެރިކާއާއި ޔޫރަޕް އެންމެ ބޮޑަށް ބޭނުންވީ ޗައިނާއާއި އިންޑިއާގެ އިތުރުން ސައޫދީއާއި ޔޫއޭއީގެ އެއްބާރުލުމެވެ. މިއިން އެއްވެސް ގައުމަކުން މިކަމުގައި އެމެރިކާއާއި ޔޫރަޕަށް އެއްބާރުލުމެއް ދީފައެއް ނުވެއެވެ.
އަނެއްކޮޅުން އިންޑިއާ ވަނީ ޔުކްރޭން ހަނގުރާމައާއެކު ކުރިޔަށްވުރެ ވެސް ބޮޑަށް ރަޝިއާއާ ގުޅުންތައް ބަދަހިކޮށް ރަޝިއާއެކު ކުރިޔަށްގެންދާ އިގްތިސާދީ މުއާމަލާތްތައް އިތުރުކޮށްފައެވެ. އިންޑިއާ އެންމެ ބޮޑަށް އިތުރު ކޮށްފައި ވަނީ ރަޝިއާއިން ތެލާއި ގޭސް ގަންނަ މިންވަރެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުކްރޭން ހަނގުރާމައާއެކު ރަޝިއާވަނީ އެގައުގެ ގޭހާއި ތެޔޮ ބާޒާރުގެ އަގަށް ވުރެ ތަންކޮޅެއް ހެޔޮއަގުގައި ދޭން ފަށާފައެވެ. މިއާއެކު މިދިޔަ އަހަރު ތެރޭގައި ރަޝިއާގެ ތެލާއި ގޭސް ގަތްވަރަށްވުރެ އިތުރަށް މި އަހަރުގެ މި ހާހިސާބަށް އައިއިރު އިންޑިއާ ވަނީ ރަޝިއާއިން ތެލާއި ގޭސް ގަނެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގެ މާލީ ވަޒީރު ނިރުމަލާ ވިދާޅުވިގޮތުގައި އިންޑިއާއަށް އިސްކުރެވޭނީ އިންޑިއާގެ އަމިއްލަ މަސްލަހަތެވެ. އެހެން ގައުމުތަކުގެ މަސްލަހަތު އޮންނާނީ އެއަށްވުރެ ފަހަތުގައެވެ. މިހަގީގަތް ހުޅަނގުގެ ގައުމުތައްވެސް ގަބޫލުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން އިންޑިއާ ފަސްޖެހުމުން ހުޅަނގުގެ ބާރުތައް ވަނީ އިންޑިއާއާމެދު ހިތްހަމަނުޖެހިފައެވެ. ނަމަވެސް އިންޑިއާއަކީ އެކަމާ ގުޅިގެން އަދަބު ދެވޭ ވަރަށް ވުރެ މާ ބޮޑު ގައުމެކެވެ. އަދި ޗައިނާ އާ ކުރިމަތިލުމަށާއި ދެކުނު އޭޝިއާއަށާއި އޭޝިއާ ފެސިފިކް ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމަށް އިންޑިއާގެ އެހީތެރިކަމާއި އެއްބާރުލުން އެމެރިކާ އިންތިހާއަށް ބޭނުންވެއެވެ. އެހެންކަމުން އިންޑިއާ ދެކޮޅަށް ފިޔަވަޅެއް އެޅުމަކީ ނޫނީ އިންޑިއާއަށް ފިއްތުންތަކެއް ކުރިމަތިކުރުމަކީ އެމެރިކާއާއި ޔޫރަޕަށް އޮތް ފުރުސަތެއް ނޫނެވެ.
އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ޗައިނާއާއި އިންޑިއާގެ އިތުރުން ސައޫދީއާއި ޔޫއޭއީވެސް ދެކޮޅު ހެދުމުން އެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ރަޝިއާއަކަށް ނުކުރެއެވެ. އަދި އެމެރިކާގެ ޑޮލަރާ ދެކޮޅަށް ރަޝިއާ ހަނގުރާމަ އިއުލާނުކޮށް ރަޝިއާގެ ތެލާއި ގޭސް އެ ގައުމުގެ ފައިސާ ކަމަށްވާ ރުބެލް އިން ގަންނަ ގޮތަށް ރަޝިއާ ހަމަޖެއްސުމުން އެމެރިކާގެ މާލީ ނިޒާމަށް ވެސް ވަނީ ލޮޅުންތަކެއް އަރަން ފަށާފައެވެ.
މިހާރު މިދާގޮތަށް ކަންތައްތައް ދާނަމަ ކުރިމަގުގައި ބައިނަލްއަގްވާމީ ރިޒާވް ފައިސާއެއްގެ ގޮތުގައި ހަމައެކަނި ޑޮލަރު ބާއްވައިގެން އެމެރިކާ ނަގަމުންގެން ދާ ފައިދާ ނެގުމުގެ ފުރުސަތު މުސްތަގުބަލުގައި އެމެރިކާއަށް ވަރަށް ބޮޑަށް ކުޑަވެ ސްވިފްޓް ނިޒާމުގެ ތެރެއިން އެމެރިކާއަށް ލިބޭ މާލީ ފައިދާތައް ވެސް ވަރަށް ބޮޑަށް ކުޑަ ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް އޭޝިއާގެ ގައުމުތަކުންވެސް (ޖަޕާން، ކޮރެއާ ސިންގަޕޫރު ފިޔަވައި) އެފްރިކާ އާއި ލެޓިން އެމެރިކާގެ ގައުމުތަކުން ވެސް އެއްބާރުލުން ދީފައެއް ނުވެއެވެ. މިކަމުގެ ސަބަބުން މި ފިޔަވަޅުތަކުގެ މާބޮޑު ބާރެއް ނެތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.