26 Apr 2022, 13:11
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ކަނޑައަޅައިފައިވާ 49.6 ޕަސެންޓު މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ދައުރުގައި 35 ޖަލްސާ ބާއްވައިފައިވާއިރު މެންބަރުން ވަނީ ޖަލްސާތަކުގައި 71 ގަޑިއިރާއި 11 މިނެޓް ހޭދަކުރައްވައިފައެވެ. ފުރަތަމަ ދައުރުގައި ބާއްވައިފައިވަނީ 170 ކޮމިޓީ ބައްދަލުވުމެވެ. އެއީ 134 ގަޑިއިރާއި 18 މިނެޓެވެ.
މި ދައުރުގައި ހުށަހެޅުނު 28 ބިލުގެ ތެރެއިން، ދައުރު ނިމުނު އިރު އަށް ބިލެއްގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައެވެ. ދިހަ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ނިމިފައިވަނީ ދެ ގަރާރެއްގެ މަސައްކަތެވެ.
ސަރުކާރުން މަޖިލީހަށް އަށް ކަމެއް ހުށަހެޅި އިރު، މަޖިލީހުން ވަނީ ހަތް ކަމެއް ނިންމައިފައެވެ. އަދި ރިޔާސަތުން ހުށަހެޅި އަށް މައްސަލައިގެ ތެރެއިން ފަސް މައްސަލަ ވެސް ވަނީ ނިންމައިފައެވެ.
ކުއްލި މައްސަލައިގެ ގޮތުގައި މި ދައުރުގައި 12 މައްސަލައެއް ހުށަހެޅި އިރު، ހުރިހާ މައްސަލައެއް ވެސް ވަނީ ނިންމައިފައެވެ. މި ދައުރުގައި ފަސް މައްސަލައެއް ވެސް މަޖިލީހުން ވަނީ ނިންމައިފައެވެ. ވަޒީރުންނާ ކުރުމަށް ހުށަހަޅައިފައިވާ 49 ސުވާލުގެ ތެރެއިން، މި ދައުރުގައި ކުރެވިފައިވަނީ 26 ސުވާލެކެވެ.
ފުރަތަމަ ދައުރުގައި ކުރަން ހަމަޖެހިފައިވާ 131 މަސައްކަތުގެ ތެރެއިން މަޖިލީހުން ނިންމައިފައިވަނީ 65 މަސައްކަތެވެ. އެއީ މަސައްކަތުގެ 49.6 ޕަސެންޓު މަސައްކަތެވެ.
މި ދައުރުގައި ނިމުނު ބިލުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ފޮރިން ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.
މަޖިލީހުގެ ދެ ވަނަ ދައުރު ފަށާނީ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. ދެ ވަނަ ދައުރު ޖޫން މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.