26 Apr 2022, 12:59
ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ޖަޕާނުގެ އަންހެނަކު އުމުރުން 119 އަހަރުގައި މަރުވެއްޖެއެވެ.
ނަވާރަސަތޭކަ ތިން ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު އުފަންވި ކޭން ޓަނަކާއަކީ ދުނިޔޭގެ އެންމެ ދުވަސްވީ، ދިރިހުރި މީހާ ކަމަށް ގިނެސް ވޯލްޑް ރެކޯޑްސްއިން ކަނޑައެޅީ 2019 ވަނަ އަހަރުގައެވެ. އޭރު އޭނާގެ އުމުރުން 116 އަހަރެވެ.
ޓަނަކާ މަރުވީ މިދިޔަ އަންގާރަ ދުވަހު، އޭނާގެ އުފަން ސިޓީ ކަމަށްވާ ފުކޯކާގައި ހުންނަ ހޮސްޕިޓަލެއްގައެވެ. އޭނާގެ މުޅި ދިރިއުޅުން ހޭދަކޮށްފައިވަނީ އެ ސީޓީގައެވެ.
ފުކޯކާގެ ގަވަރުނަރު ސެތާރޯ ހަޓޮރީ ވަނީ ޓަނަކާގެ ކުއްލި ވަކިވުމުގެ ސަބަބުން ހިތާމަ ކުރައްވާ ކަމަށާއި އޭނާ އުންމީދު ކޮށްގެން ހުންނެވީ މިއަހަރުގެ ފަހުކޮޅު ޓަނަކާއާ ބައްދަލުކުރެވޭނެ ކަމަށެވެ.
ޓަނަކާ މަރުވުމާއެކު މިހާރު ދުނިޔޭގެ އެންމެ ދުވަސްވީ މީހަކީ ފަރަންސޭސި ވިލާތުގެ ލުސިއެލް ރެންޑަން އެވެ. އޭނާގެ އުމުރުން 118 އަހަރެވެ.