އެމްޑީޕީން ހިންގި ހަމަނުޖުހުންތައް ރާވާ ހިންގި އިސްފަރާތްތައް ރާއްޖެއިން ބޭރަށް ވަޑައިނުގަނެވޭ ގޮތަށް އެފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ގައުމީ ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީގެ އިސްފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓަން ގައުމީ ޕާޓީން ގޮވާލާފައި މިވަނީ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ.

ގައުމީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބުރައިސް އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ އެމްޑިޕީން މިހާތަނަށް ބެއްވި މުޒާހަރާތަކުގައިވެސް ދައުލަތުގެ އިމާރާތްތަކާއި މުދަލުގައި ހުޅުޖެހި ކަމަށާއި އިއްޔެގެ މުޒާހަރާގައި ވެސް ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިންގާ ތަންތަނަށް ބޮޑަތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަތަށް ތަހުގީގުކުރުމަށް އެ ހަމަނުޖެހުންތަކުގެ އަޑީގައި ތިބި އިސްވެރިން ބޭރަށް ވަޑައިނުގެނެނޭވެނެ ގޮތަށް ޕާސްޕޯޓްހިފަހައްޓަން ޖެހޭ ކަމަށެވެ.

"ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މިދަންނަވަނީ ވިހާވެސް އަވަހަކަށް އެފަދަ އަމަލުތައް ހިންގި ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް. އަދި މިކަންކަން ހިންގާ ރާވަން އިސްސަފުގައި ތިއްބެވި ބޭފުޅުން ރާއްޖެއިން ބޭރަށް ފުރިޔަނުދިނުމަށްޓަކައި އޭބޭފުޅުން ގެ ޕާސްޕޯޓް ހިފަހައްޓައި ވީހާވެސް އަވަހަކަށް އެކަންތައް ބެލޭނެ އިންތިޒާމްތަކެއް ހަމަޖެއްސަންޖެހޭ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތަށް ތަހުގީގު ކުރަނީ އެންމެ ހިންހަމަޖެހޭ ފަދަ ސްޕީޑެއްގައި ކަމަށް ގަބޫލްނުކުރެއްވޭ ކަމަށާއި އެފަދަ މައްސަލަތަކަކީ ވަރަށް އަވަހަށް ބެލި ފިޔަވަޅުއެޅެން ޖެހޭ ކަންކަން ކަމަށެވެ.

"މިމައްސަލަ ތައް ތަހުގީގްއަވަސްކޮށްދިނުމަށް އެދީ ހޯމްމިނސްޓަރަށާއި ކަމިޝަނާރ އޮފް ޕޮލިސް އަށް އަޅުގަޑުމެން މިއަދު ސިޓީފޮނުވާނަން،" ރިޔާޒް ވިދާޅުވި އެވެ.

ގައުމީ ޕާޓީން ބުނީ އިއްޔެ މަޖިލިހުގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި މަޖިލިސްގެ ޗެމްބަރުތެރޭ ހުރި ވަރަށްގިނަ އަދަދެއްގެ ތަކެތި ހަލާކުވެފައިވާ ކަމަށާއި އެ ގެއްލުމުގެ ބަދަލު އެ ހަލާކުކޮށްލި ފަރާތްތަކުގެ އަތުން ނެގައިދިނުމަށް މަޖިލީހަށް މިހާރު ސިޓީފޮނުވާފައިވާ ކަމަށެވެ.