ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އުންމީދު ނުކުރާ ދެ ޓީމެއް އެބަ އޮތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ސެމީގެ ފުރަތަމަ ލެގުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ އެއް ބާރު، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސެއްގައެވެ.

"އެއްވެސް ބަޔަކު އުންމީދު ނުކުރާ ދެ ޓީމެއް މުބާރާތުގެ ސެމީ ފައިނަލްގައި އެބަ އޮތް. ރެއާލް މެޑްރިޑާއި، ވިލަރެއާލް." އަންޗެލޮޓީ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފެއިވަނީ މީގެ ކުރިން މީހުން ބުނެފައި ހުރި ބަސްބަސް ހަނދާން އެބަހުރި ކަމަށެވެ.

"އޭރު މީހުން ދެއްކި ވާހަކަ، ބުނި ބަސްތައް އަހަރެން ހަނދާން އެބަހުރި. ޕްރެސް އާއި އާންމުންގެ ޚިޔާލު. މިހިސާބަށް އާދެވިއްޖެ އަދި މިިތިބީ އުފަލުން. ރެއާލް މެޑްރިޑް އަބަދުވެސް ކޮމްޕީޓް ކުރާނެ؛" ރެއާލަށް ކުރިން ވެސް ކޯޗުކަން ކޮށްދީފައިވާ އަންޗެލޮޓީ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ މެޗުގެ ނަތީޖާއިން އެއްޗެއް ނުބުނެވޭނެކަމަށެވެ. އަދި ނަތީޖާއެއް ގޮތެއް ނިންމޭނީ ދެ ވަނަ ލެގުގައި ސެންތިއާގޯ ބާނަބައުގައި ކުޅޭ މެޗަށް ފަހު ކަމަށެވެ.

އަންޗެލޮޓީ ބުނެފައިވަނީ ރެއާލްގެ ހުރިހާ ކުޅުންތެރިންނަށް ވެސް އޭނާގެ އިތުބާރު އަބަދުވެސް އޮންނަ ކަމަށާއި، މިވަގުތަށް ހުރިހާ ވެސް އުންމީދަކީ ސެމީ ކާމިޔާބުކޮށް ފައިނަލަށް ދިޔުން ކަމަށެވެ.

ރެއާލުން މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ 5-4ގެ އެގްރިގޭޓް ނަތީޖާއިން ބަލިކޮށްގެންނެވެ.

މި ދެޓީމު ވަނީ މީގެ ކުރިން، 2020/2019 ވަނަ އަހަރުގެ ގަދަ 16 ގައި ވެސް ބައްދަލުކޮށްފައެވެ. އެ ފަހަރުގެ ދެ ލެގު ވެސް ކާމިޔާބުކޮށްފައިވަނީ ސިޓީންނެވެ.

ސިޓީއާއި ރެއާލް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 00:00ގައެވެ.