20 Mar 2012, 13:25
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހުގައި އިއްޔެ އިއްވެވި ރިޔާސީ ބަޔާނަށް ރައްދު ދޭންވީ ގޮތެއް މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ނޭނގޭ ކަމަށާއި މަޖިލީހުގެ ގަވާއިދުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ނުލިބޭހާ ހިނދަކު ރިޔާސީ ބަޔާނަށް ރައްދު ނުދޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުވެ، އާ ސަރުކާރެއް އައުމުން މަޖިލީހުގެ ގަވާއިދުގައިވާ ބައެއް މާއްދާތަކާމެދު އުފެދިފައިވާ ގާނޫނީ ސުވާލުތަކަށް ޖަވާބު ދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަރިހުގައި އިއްޔެ ދަންނަވާފައިވާނެ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގާނޫނީ ސުވާލުތަކަށް ޖަވާބު ނުލިބޭހާ ހިނދަކު ރިޔާސީ ބަޔާނާމެދު ގޮތެއް ނިންމެން ނެތް ކަމަށް އޭނާ ވިދާޅުވީ އެވެ.
މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ލީޑަރަކަށް ކަމަށް ވިޔަސް ވެސް އަދި މައިނޯރިޓި ލީޑަރު ކަމަށް ވިޔަސް ވެސް މަޖިލީހުގައި ރިޔާސީ ބަޔާނަށް ޖަވާބެއް ދެއްވަން ވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ރިޔާސީ ބަޔާނަށް 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ މިހާރުގެ ރައީސް ވަހީދު ނިސްބަތްވާ ޕާޓީގެ މެންބަރަކު މަޖިލީހުގައި ނެތުމުން ސަރުކާރު ހިންގާ ޕާޓީއަކީ ކޮބައި ކަމެއް އަދި އިދިކޮޅު ޕާޓީއަކީ ކޮބައިކަމެއް ނޭނގޭ ކަމަށެވެ. އަދި ކުރީގެ ސަރުކާރު ހިންގި އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކަށް އަމަލު ކުރަންވީ ކިހިނެއް ކަމެއް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ނުވާއިރު، އާ ސަރުކާރުގެ މެންބަރަކު މަޖިލީހުގައި ނެތުމުން ސަރުކާރުގެ ބިލް މަޖިލީހަށް ހުށަހަޅާނެ ގޮތެއް ނެތް ކަމަށެވެ.
"މިހުރިހާ ކަމެއް ހައްލުވީމަ އެނގޭނީ ރިޔާސީ ބަޔާނަށް ރައްދުދޭން. އަދި މިއޮތީ ސުވާލެއްގެ ތެރޭގައި. މަޖިލިސް އިއްޔެ ނިންމާލުމަށްފަހު އަޅުގަނޑާ ބައްދަލުވެގެން މަޖިލީހުގެ ރައީސް ވިދާޅުވީ ގާނޫނީ ގޮތުން ހުރި މައްސަލަތައް ބަލާފައި ގޮތެއް ނިންމާނަމޭ،" 33 މެންބަރުންނާއެކު މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އެކަމާ ބެހޭ ގޮތުން ގޮތެއް ނިންމެން އޮތީ މަޖިލީހުގެ ކައުންސިލް ޖެނަރަލްގެ ލަފާގެ މަތިން ކަމަށާއި އަދި މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކުން އެ މަސައްކަތް ކުރެވިދާނެ ކަމަށެވެ.
މަޖިލީހުގައި އިއްޔެ ރައީސް ވަހީދު އިއްވެވި ރިޔާސީ ބަޔާނާމެދު އިބޫ ވިދާޅުވީ މަޖިލީހުގައި ރިޔާސީ ބަޔާނުގައި ކީއެއްޗެއް ނޭނގޭ ކަމަށެވެ. އަދި ރިޔާސީ ބަޔާނެއް ވަހީދު އިއްވެވިކަން އިނގޭނީ މަޖިލީހުގެ ޔައުމިއްޔާ ބެލުމުން ކަމަށެވެ.
"މަޖިލީހުގައި އިއްޔެ ވަހީދު ވިދާޅުވި އެއްޗެއް އަޅުގަނޑަކަށް އަޑެއް ނީވޭ. އަޅުގަނޑު މަޖިލީހުގައި ދަންނަވާފައިވާނީ ރިޔާސީ ބަޔާނުގެ ކޮޕީއެއް ދިނުމަށް... ވަހީދު އިއްވެވީ ރިޔާސީ ބަޔާނެއްތޯ އިނގޭނީ ޔައުމިއްޔާ ބަލައި، އެއްކޮށް ކިޔާލީމަ. ރިޔާސީ ބަޔާން އިއްވެވިކަމެއް އިނގޭނީ،" އިބޫ ވިދާޅުވި އެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ މައުސޫމް ވިދާޅުވީ ރިޔާސީ ބަޔާނަށް ރައްދު ދޭންޖެހޭނީ އެމްޑީޕީން ކަމަށާއި އެމްޑީޕީން އެކަމާ ދެކޮޅު ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ރިޔާސީ ބަޔާނަށް ރައްދު ދިނުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ތެރޭގައި އެކަން އެމްޑީޕީއަށް ނުކުރެވޭނަމަ، މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްގެން ނަމަވެސް ރައްޔިތުންގެ ފަރާތުން އެކަމަށް މަޖިލީހުގައި ބަސް އިއްވަން ޖެހޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.