25 Apr 2022, 16:52
ކިޔޭވް (25 އެޕްރީލް 2022) : އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންނާއި ދިފާޢީ ވަޒީރު ލޮއިޑު އޮސްޓިން ޔުކްރޭންގެ ވެރިރަށް ކިޔޭވް އަށް ވަޑައިގެންފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއާއި ދިފާއީ ވުޒާރާ ބުނާގޮތުން ބްލިންކެން އާއި އޮސްޓިންގެ މިދަތުރުފުޅަކީ ޔުކްރޭންއާ ދެކޮޅަށް ރަޝިއާ ކުރަމުން ގެންދާ ހަނގުރާމައާ އެމެރިކާ ދެކޮޅު ހަދާކަމުގެ މެސެޖް ރަޝިއާއަށް ދިނުމާ އަދި އެމެރިކާގެ ތާއީދާއި ހަމްދަރުދީ އޮތީ ޔުކްރޭނަށްކަން އެ ގައުމުގެ ރައީސް ވްލަޑިމީރު ޒެލެންސްކީއާއި އެ ގައުމުގެ ރައްޔިތުންނަށް އަންގައިދީ ޔުކްރޭންއަށް ހިތްވަރު ދިނުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ބްލިންކެން އާއި އޮސްޓިން ކިޔޭވް އަށް ވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ވަނީ އެ ދެ ބޭފުޅުންނާ އޭނާ ބައްދަލުކުރެއްވިކަން އިއުލާނު ކުރައްވާފައެވެ. ޒެލެންސްކީ ވިދާޅުވިގޮތުގައި ބްލިންކެން އާއި އޮސްޓިންގެ ދަތުރުފުޅުގެ ސަބަބުން ޔުކްރޭނުގެ ސަރުކާރަށާ އަދި ރައްޔިތުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެއެވެ. އެމެރިކާއަކީ ޔުކްރޭނަށް އަޅާލާ އަދި އެހީތެރިވާ ގައުމެއްކަން މިދަތުރުފުޅުގެ ސަބަބުން އިތުރަށް ހާމަވެގެން ދިޔަކަން ވެސް ޒެލެންސްކީ ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔޭވްއަށް ވަޑައިގަތުމުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވަނީ ކިޔޭވްގައި ހުންނަ އެމެރިކާގެ އެންބަސީއަށް އަލުން މުވައްޒަފުން ފޮނުވައި އަދި އާ ސަފީރެއް ވެސް އެ ގައުމަށް ހަމަޖައްސާނެކަން ހާމަކުރައްވާފައެވެ.
ރަޝިއާ ޔުކްރޭންއާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އެމެރިކާއިން ވަނީ ކިޔޭވްގައި ހުރި އެ ގައުމުގެ ސަފީރާ އަދި އެންބަސީގެ ގިނަ މުވައްޒަފުން އަނބުރައި ގައުމަށް ގެންގޮސްފައެވެ.
ޔުކްރޭނަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑު އޮސްޓިން ވަނީ ޔޫކްރެއިންއަށާއި ޔުކްރޭންއާ ސަރަޙައްދީ ރޮނގުން ގުޅިފައިވާ ޔޫރަޕްގެ ގައުމުތަކަށް އެހީގެ ގޮތުގައި 700 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައެވެ.
އޮސްޓިކް ވިދާޅުވިގޮތުގައި މީތެރެއިން 322 މިލިޔަން ޑޮލަރަކީ ޔޫކްރެއިނަށް އަސްކަރީ އެހީގެ ގޮތުގައި ދޭ އެއްޗެކެވެ. އަނެއް 378 މިލިޔަން ޑޮލަރަކީ ހަނގުރާމައިގެ ސަބަބުން ޔުކްރޭންގެ އަވަށްޓެރި ޔޫރަޕްގެ ގައުމުތަކަށް ދާ ޔުކްރޭންގެ ރެފިއުޖީންނަށް އެހީތެރިވުމަށް ދޭ އިގްތިސާދީ އެހީއެކެވެ. މި އެހީގެ ބައެއް ޔުކްރޭންގެ ރެފިއުޖީންނަށް އެހީތެރިވާ ޔޫރަޕްގެ ގައުމުތަކަށްވެސް ލިބޭނެކަން އޭނާ ހާމަކުރެއްވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންނާއި ދިފާޢީ ވަޒީރު ލޮއިޑު އޮސްޓިން ޔުކްރޭނަށް މި ވަޑައިގެންނެވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ޔުކްރޭނަށް ކުރެއްވުމަށް ހަމަޖެއްސެވި ދަތުރުފުޅު ކެންސަލްކުރިކަން ވައިޓް ހައުސް އިން އިއުލާނު ކޮށްފައި ވަނިކޮށެވެ. އެެހެންކަމުން ބްލިންކެން އާއި އޮސްޓިންގެ ދަތުރުފުޅަކީ ބައިޑެން ގެ ދަތުރުފުޅު ކެންސަލް ކުރެއްވުމުން އޭގެ ބަދަލެއްގެ ގޮތުގައި ކުރެއްވި ދަތުުރުުފުޅެއް ކަމަށް ވަނީ ބެލެވިފައެވެ.
ޔުކްރޭންއާ ދެކޮޅަށް ރަޝިއާ ކުރަމުން ގެންދާ ހަނގުރާމައިގާ ޔުކްރޭނަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސްވެރިން ވަނީ ކިޔޭވްއަށް ވަޑައިގެން ރައީސް ޒެލެންސްކީ އާ ބައްދަލުކުރައްވާފައެވެ. މީގެ ތެރޭގައި ބޯލްޓިކްގެ ތިން ގައުމުގެ ރައީސުންނާ އަދި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހިމެނިވަޑައިގަންނަވައެވެ. ޔުކްރޭން ހަނގުރާމައިގާ ރަޝިއާއާ ދެކޮޅަށް ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދެނީ ހަމައެކަނި އެމެރިކާއާއި ނޭޓޯގެ ގައުމުތަކުންނެވެ.
އެހެން ގައުުމުތަކުން ވަނީ މި ހަނގުރާމައިގެ ކަންތައްތަކުގެ ތެރެއަށް ނުވަނުމުގެ ސިޔާސަތެއް އިޚުތިޔާރުކޮށްފައެވެ. އެމެރިކާއާއި ނޭޓޯގެ ގައުމުތަކުގެ އިތުރުން ޖަޕާން، ދެކުނުކޮރެއާ އަދި ސިންގަޕޫރުން ފިޔަވައި އެހެން އެއްވެސް ގައުމަކުން ވަނީ ރަޝިއާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ފަސްޖެހިފައެވެ. ގިނަ ގައުމުތަކުން ދެކެނީ ޔުކްރޭން ހަނގުރާމައަކީ އެއްކޮޅުން ރަޝިއާ އަނެއްކޮޅުން އެމެރިކާއާއި ނޭޓޯގެ ގައުމުތަކާ ދެމެދު ހިނގާ ހަނގުރާމައެއްގެ ގޮތުގައެވެ.