ދުޢާ ކުރުމަކީ އަޅުކަމެއްކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރެއްވިއެވެ. އަދި އެއަށްފަހުގައި އިތުރު އެކަލޭގެފާނު މި އާޔަތް ވިދާޅުވިއެވެ.

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ (ޣާފިރު: 60) މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ހާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ."(ތިރުމިޒީ: 3247) އަދި ދުޢާ ކުރުމަށްވުރެ، ﷲ ގެ ހަޒުރަތުގައި މާތްކަން ބޮޑު އެހެންކަމެއް ނުވާކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރެއްވިއެވެ.(ތިރުމިޒީ: 3370)

ދުޢާ ކުރުމާބެހޭ ގިނަގުނަ އިރުޝާދުތައް ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައިވެއެވެ. މީގެތެރޭގައި ދުޢާ ކުރުމުގެ މުހިންމު ކަމާއި، އޭގެ ޝަރުތުތަކާއި އަދަބުތައް އަދި ދުޢާ އިޖާބަ ކުރައްވާނެ ހާއްސަ ވަގުތުތަކާބެހޭ އިރުޝާދުތައް ހިމެނެއެވެ.

ވަރަށް ގާތް ރައްޓެއްސަކަށްވިޔަސް، އެކަކު އަނެކަކުގެ ގާތުގައި މާގިނައިން ކަންކަމު ކިޔަން ލަދުވެތިވާނެއެވެ. ޖެހިލުންވާނެއެވެ. ތަކުރާރުކޮށް ކަންކަމު ކިޔާތީ އޭނާ ނުރުހުންވެދާނެޔޭ ހިތަށް އަރާނެއެވެ. އެހެންނަމަވެސް ކިތަންމެ ގިނައިން ދަންނަވަން ޖެހުނަސް، ﷲ ގެ ހަޒުރަތުގައި ކަންކަމަށް އެދި ދަންނަވާކަށް އެއްވެސް މީހަކު ޖެހިލުމެއް ނުވާނެއެވެ. ތަކުރާރުކޮށް ކަންކަމު އެދުނަސް އެ އިލާހު ކޯފާވެވޮޑިގެންފާނެ ކަމަކަށް ނުދެކޭނެއެވެ. އާނއެކެވެ! ﷲ ގެ ހަޒުރަތުގައި ދުޢާ ދެންނެވުމަކީ އެ އިލާހު ލޯބިވެވޮޑިގަންނަވާ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ އެ އިލާހުގެ ނިޢުމަތްތަކުން ކިތަންމެ ގިނައިން މީސްތަކުންނަށް ދެއްވިޔަސް، އެ އިލާހުގެ ނިޢުމަތްތަކުން ޒައްރެއްގެ މިންވަރުވިޔަސް މަދެއްނުވާނެތެވެ.

ތިރީގައި އެވަނީ ދުޢާ ކުރުމާބެހޭ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވަވާފައިވާ ވަރަށް ހާއްސަ އިރުޝާދެކެވެ. މިފަދައިން ދުޢާކޮށްފިނަމަ ޔަގީނުންވެސް އެ ދުޢާއެއް ﷲ އިޖާބަ ކުރައްވާނެކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނު ދެއްވަވާފައި ވެއެވެ.

سَمِعَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلاً يَدْعُو وَهُوَ يَقُولُ "اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ ْالأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ" ، فَقَالَ: وَالَّذِي نَفْسِي بِيَدِهِ لَقَدْ سَأَلَ اللَّهَ بِاسْمِهِ ْالأَعْظَمِ الَّذِي إِذَا دُعِيَ بِهِ أَجَابَ وَإِذَا سُئِلَ بِهِ أَعْطَى. [الترمذي: 11/3397، كتاب الدعوات عن رسول الله ، باب ماجاء في جامع الدعوات عن النبي صلى الله عليه وسلم]

"اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ ْالأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ" މިފަދައިން ކިޔައި މީހަކު (الله ތަޢާލާއަށް) ދުޢާ ކުރަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އިވިވަޑައިގެން ހިނދު އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. "އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ ފަރާތް (އެބަހީ: الله) ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން الله ތަޢާލާގެ އެންމެ މަތިވެރިވެގެންވާ އިސްމުފުޅުން އޭނާ (އެކަލާނގެއަށް) ދަންނަވައިފިއެވެ. އެ އިސްމުފުޅުން ދުޢާ ކޮށްފިނަމަ އެ ދުޢާއެއް އިޖާބަ ކުރައްވާނެތެވެ. އަދި ކަމަކަށް އެދި އެ އިސްމުފުޅުން ދަންނަވައިފިނަމަ (އެމީހަކު އެ އެދުނުކަމެއް) ދެއްވާނެތެވެ."

މި މަތިވެރި ދުޢާ ބޭނުންކޮށްގެން ﷲ ގެ ހަޒުރަތުގައި ކަންކަމު އެދި ދަންނަވާނީ މިފަދައިންނެވެ. އެންމެ ފުރަތަމަ "اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ ْالأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ" މިފަދައިން ކިޔާނީއެވެ. އެއަށްފަހުގައި އެމީހަކު ބޭނުންވާ ކަމެއް ދަންނަވާނީއެވެ. ކޮންމެހެން އަރަބި ބަހުން ދެންނެވުން ލާޒިމެއްނޫނެވެ. އެމީހެއްގެ އަމިއްލަ ބަހުން ނުވަތަ ދަންނަ އެހެން ބަހަކުންވިޔަސް ދެންނެވީމައި ރަނގަޅުވާނެއެވެ. ނަމަވެސް އެކި ކަންކަމާ ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޞައްޙަ މަގުން ވާރިދުވެފައިވާ ދުޢާތައް އެ ހުރިގޮތަށް ދަސްކޮށް އެ ދުޢާތައް ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އެއީ އެކަލޭގެފާނުގެ ސުންނަތަށް އަމަލުކުރުމުގެ މަތިވެރި ސަވާބު ލިބިގަތުމަށްޓަކައެވެ. ކޮންމެ މީހަކު ބޭނުންވާ ކަންތައްތައް ހިމެނޭގޮތަށް ސުންނަތުގައި ދުޢާތައް ވާރިދުވެފައެއް ނުހުންނާނެއެވެ. ވީމާ، ރީތި އިބާރާތުން އެމީހަކު ދަންނަ ބަހަކުން ﷲ ގެ ހަޒުރަތުގައި ގިނަ ގިނައިން ދުޢާ ދަންނަވާނީއެވެ.