ލޮނުޒިޔާރަތް ކޮޅުގައި އެމްޑީޕީން ހަދާފައިވާ ޓެންޓްތައް ރޫޅާލައި އެތަނުން ފުލުހުން ގެންދިޔަ ތަކެތީގެ ވެރިފަރާތްތަކުން ތިން ދުވަސްތެރޭ އެއީ އެމީހެއްގެ އެއްޗެއް ކަން އެނގޭނެ ލިޔުމަކާއެކު ހުށަހެޅުމުން އެތަކެތި ދޫކުރާގޮތަށް ފުލުހުން ހަމަޖައްސައިފި އެވެ.

އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސްޕްރިޑެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ހަދާފައިވާ ޓެންޓްތައް ރޫޅާލައި ފުލުހުން ގެންދިޔަ ތަކެތީގެ ވެރިފަރާތްތަކުން އެއީ އެމީހެއްގެ އެއްޗެއް ކަން އެނގޭނެ ލިޔުމަކާއެކު ފުލުހުންނަށް ހުށަހެޅުމުން ގާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ފުލުހުން އެތަކެތި ވެރިފަރާތާއި ހަވާލު ކުރާނެ ކަމަށެވެ.

"އެތަކެތީގެ ވެރިފަރާތްތައް ހޯދާ އެތަކެތި ހަވާލުކުރުމުގައި ވިސްނާފައި މިއޮތީ. ގާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު. ގާނޫނީ ހަމަތަކުގެ ތެރެއިން އެ އެއްޗެއްގެ ވެރިފަރާތާއި ހަވާލުކުރުމަށް އަޅުގަނޑުމެން ނިންމާފައި ވަނީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެއްޗެއްގެ ވެރިފަރާތުން އެއީ އެމީހެއްގެ އެއްޗެއްކަން އެނގޭނެ ލިޔުމެއް ފުލުހުންނަށް ހުށަހެޅުމުން އެތަކެތި ހަވާލު ކުރާނީ އެއްޗެއްގެ ވެރިފަރާތަކީ ކޮބައިކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވީ ފުލުހުން އެތަކެތި ގެންދިޔަ މައްސަލަ އެ ޕާޓީގެ ގާނޫނީ ޓީމުން ކޯޓަށް ހުށަހަޅާފައިވާތީ އެކަމާއި ބެހޭގޮތުން އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

"އެ މައްސަލަ ވަނީ ގާނޫނީ ޓީމުން ކޯޓަށް ވައްދާފަ އެކަމާއި ބެހޭގޮތުން އެއްޗެއް ދެންނެވެން ނެތް،" އިންތި ވިދާޅުވި އެވެ.

ލޮނުޒިޔާރަތް ކޮޅުން އިއްޔެ ފުލުހުން ގެންދިޔަ ތަކެތީގެ ތެރޭގައި އަތޮޅުތަކުން އެމްޑީޕީއަށް ހަދިޔާކުރި ގިނަ ކާއެއްޗެހިތަކެއް ވެސް ހިމެނެއެވެ. އަދި ގިނަ ފެން ކޭސްތަކާއި އެ ސަރަހައްދުގެ ޓެންޓް ޖެހުމަށް ބޭނުންކޮށްފައިވާ ހޮޅި ދަނޑި ތައްވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.