25 Apr 2022, 14:19
މަދްރަސަތުލް އިފްތިތާހަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ސުކޫލުގެ ހިންގުން ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ގަރާރު މަޖިލީހުން ފާސްނުކޮށް، ބޭރުކޮށްލައިފިއެވެ.
ނައިފަރު ސުކޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހުށަހެޅުއްވި ގަރާރު ދިރާސާކޮށްފައިވަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީންނެވެ.
އެ ކޮމިޓީން ނިންމި ރިޕޯޓުގައި ވަނީ ގަރާރުގައިވާ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން އޮޅުން ފިލުވިއިރު، އޭގައިވާ ގިނަ ކަންތައް ހުރީ ނިމިފައި ކަމަށް ބުނެފައެވެ. އަދި ނުނިމި ހުރި ކަންތައްތަކެއް ފެށިގެން މިހާރު ކުރިއަށްދާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މަދަރުސަތުލް އިފްތިތާހުގައިވާ ކަންތައްތަކުގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ 18 ކަމެއް ގަރާރުގައި ފާހަގަކޮށްފައިވާއިރު، ކޮމިޓީން ވަނީ ގަރާރު ފާސްކުރަން ނުފެންނަ ކަމަށް ފާސްކޮށް، ރިޕޯޓުގައި ހިމަނައިފައެވެ.
ކޮމިޓީގެ ރިޕޯޓު ފާސްކުރަން ފެނޭތޯ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.
އެހެންކަމުން މި ގަރާރު ފާސްނުކޮށް، މަޖިލީހުން ބޭރުކޮށްލުމަށް ވަނީ ފާސްވެފައެވެ.
ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވަނީ މަދްރަސަތުލް އިފްތިތާހުގެ ހިންގުން ހަރުދަނާކޮށް، އެ ތަނުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ސްކޫލަށް ދިމާވެފައިވާ ދަތިތައް ވީހާ ވެސް އަވަހަށް ހައްލުކޮށްދިނުމަށް އެދިފައެވެ.
ގަރާރުގައި 18 ކަމެއް ހުށަހަޅައިފައިވާއިރު، އޭގެ ތެރޭގައި ސުކޫލު އާ އިމާރާތަށް ކަރަންޓް ލެވިފައިނެތުމާއި ފަރްނީޗަރު މަދުވުމާއި ސުކޫލުގައި ބޭނުން ކުރާ ގޮނޑި މޭޒުތައް ފަދަ ތަކެތި ހަލާކުވެ، ދަރިވަރުންނާއި ޓީޗަރުންނަށް ގެއްލުން ވުން ފަދަ ކަންކަން ހިމެނެއެވެ.
ހަމައެހެންމެ ސުކޫލުން ޕްރިންޓު ކުރެވެން ނެތުމާއި، އިންޓަނެޓު ނުލިބުމާއި ސައިންސް ލެބެއް ނެތްތާ ތިން އަހަރުވެފައިވާ ވުން ފަދަ މައްސަލަތައް ފާހަގަކޮށްފައިވެއެވެ.