25 Apr 2022, 14:13
އެމްޑީޕީ މެނިފެސްޓޯޯ ތަންފީޒުކުރުމަށް ގަރާރެއް ނެރުމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
މިއަދުގެ މަޖިލީހުގައި ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއިމެދު އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ގަރާރުތައް ނެރެގެން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ވުރެ އެމްޑީޕީގެ މެނިފެސްޓޯގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން މާ ރަނގަޅުވާނެ ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލައި ސިޔާސީ ހަރަކާތްތައް ހުއްޓުވަން ގަރާރުތައް ނެރެން ނުޖެހޭނެ ކަމަށެވެ.
"އިދިކޮޅު ފަރާތްތަކުގެ އަޑުކަނޑުވާލައި ސިޔާސީ ހަރަކާތްތައް ހުއްޓުވުމަކަށް ނޫން ގަރާރު ނެރެންވީ، ގަރާރު ނެރެން މާ މުހިއްމު ކަންތައްތަކުގެ ވާހަކަ މިދައްކަނީ،" ޝިޔާމް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ކަންކަން އެވޯޑު ކުރެވޭ ގޮތްތަކާ އުސޫލުތަކެއް ގާނޫނުގައި ހިމެނުމަށް ފެންނަކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިޔާ އައުޓް ގޮވުން ހުއްޓުވުމަށް މިދިޔަ ހަފްތާގައި ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ނެރުއްވި ގަރާރު ބާތިލް ކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.
މި މައްސަލަ މަޖިލީހުގައި ބަހުސް ކުރުމާ ގުޅޭ ގޮތުން މަޖިލީހުގައި ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. މައްސަލައަށް ބަހުސް ކުރުމަށް ނުފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވާފައިވާތީ އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.
ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމާ ބެހޭ ބިލަށް ވާހަކަ ދެއްކެވުމަށް ލިބުނު ފުރުޞަތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު ވަނީ ބޭރުކޮށްލެވުނު ކުއްލި މައްސަލައިގެ ވާހަކަ ވެސް ދައްކަވާފައެވެ.
އެގޮތުން ޝަރީފް ވިދާޅުވީ އެ ގަރާރަކީ ބާތިލް ގަރާރެއް ކަމަށާއި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމާމެދު ތާއަބަދު ވަކާލާތު ކުރާ އެމްޑީޕީގެ ސަރުކާރުގައި މިފެނިގެންދަނީ ޤާނޫނު އަސާސީގައި ލިބިފައިނުވާ ބާރުތަކެއްގެ ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ގަރާރުނެރޭ މަންޒަރުކަމަށެވެ. އަދި މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ނެރެފައިވަނީ ބާތިލް ގަރާރެއް ކަމަށް ވެސް މެންބަރު އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
"އުފެދުމުގައިވެސް އެގާރާރަކީ ބާތިލް ގާރާރެއް. ބޭގަރާރުވެފައި މަޒުމޫނެއްގެ ސިފާގައި ލިޔެފައޮތް ގަރާރެއް" ޝަރީފް ވިދާޅުވިއެވެ.