މާލޭގެ ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްޔެ މަޖިލީހުގެ ބޭއްވި ޖަލްސާ ބޭއްވި ގޮތާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ކަމަލޭޝް ޝަރުމާގެ ފަރާތުން ރާއްޖޭގައި ހުންނެވި ހާއްސަ މަންދޫބު ސާ ޑޮން މެކެނަން ވިދާޅުވެއްޖެ އެވެ.

"މަޖިލިސްގެ ޖަލްސާ ބޭއްވި ގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވި ކަމަށް ސާ ޑޮނަލްޑް ވިދާޅުވި އެވެ. އަދި މާލޭގެ ސަލާމަތީ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެންމެ ބޮޑަށް ކެތްތެރިވުމަށް ހުރިހާ ފަރާތަކަށް އޭނާ ގޮވާލައްވަ އެވެ. " މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ފަހު ރާއްޖެއާ ބެހޭ ގޮތުން ކޮމަންވެލްތުގެ ވެބްސައިޓުގައި ލިޔެފައިވެ އެވެ.

މާލޭގެ ސަލާމަތީ ކަންތައްތަކާމެދު ކަންބޮޑުވެ ވަޑައިގެން ހުންނެވި ޑޮން މެކެނަން ވިދާޅުވެފައިވަނީ ރާއްޖޭގައި އޮތް ސިޔާސީ މައްސަލަތައް ހައްލުވާނީ އިހުލާސްތެރިކަމާއެކު ހުރިހާ ފަރާތްތަކުން ވާހަކަ ދައްކައިގެން ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިވާން ގޮވާލައްވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ހުރިހާ ޕާޓީތަކުން މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް އެހީތެރިވެވަޑައިގަތުމަށް އޭނާ މާލޭގައި ހުންނަވާނެ ކަމަށެވެ.

"ހާލަތު ރަނގަޅު ކުރެވޭނީ ހަމައެކަނި އިހުލާސްތެރިކަމާ ހާމަކަމާއެކު ހުރިހާ ޕާޓީތަކުން ވާހަކަ ދައްކައިގެން ކަން އަޅުގަނޑަށް އިނގޭ،" ވެބްސައިޓްގައި ވެ އެވެ.