25 Apr 2022, 13:54
ބިމުން ފެން ނަގައި ބޭނުންކުރުމުގައި ގާނޫނާ ހިލާފުވެއްޖެނަމަ އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެހެން، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފްއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އިއްތިފާގުންނެވެ.
އެންވައިރަމެންޓް ކޮމިޓީން ވަނީ ބިލު ދިރާސާކުރުމަށްފަހު ބައެއް އިސްލާހުތައް ގެނެސްފައެވެ. މިގޮތުން ބިމުން ފެން ނަގައި ބޭނުންކުރުމުގައި ގާނޫނާ ހިލާފުވެއްޖެނަމަ އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ބިލުގައި އިން އިސްލާހަށް ވަނީ، ޖޫރިމަނާ ކުރެވޭނެ އެންމެ މަދު އަދަދެއްގެ ގޮތުގައި 5000 ރުފިޔާ ކަނޑައަޅައިފައެވެ.
ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ޚިދުމަތް ދިނުމާ ބެހޭ ގަވާއިދުތައް ކަމާ ގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެ މަތިން އެކުލަވާލުމަށް ބިލުގައިވާ އިސްލާހާއި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ މިންގަނޑުތައް ކަނޑައެޅުމަށް ބިލުގައި ހިމަނައިފައިވާ އިސްލާހުތައް ކޮމިޓީން ވަނީ ބިލުގައިވާ ފަދައިން ފާސްކޮށްފައެވެ.
ފެނާއި ނަރުދަމާއަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފައިވާ ތިން އިސްލާހެއް ފާސްނުކުރުމަށް ކޮމިޓީގެ ރިޕޯޓުގައި ނިންމައިފައިވެއެވެ. އެ އިސްލާހުތަކަކީ:
ފެނާއި ނަރުދަމާ ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފަސް އަހަރުގެ ޕްލޭން އެކުލަވާލުމަށް ހުށަހަޅައިފައިވާ އިސްލާހު
މި އިސްލާހު ބަލައި ނުގަތުމަށް ކޮމިޓީން ނިންމައިފައިވަނީ ކޮންމެ އަހަރަކު އެއް ފަހަރު، އެ ފަރާތަކަށް ހާސިލްވާ ކަންކަމަށް ބަލައި، ޕްލޭން އެކުލަވާލަމުން އަންނާތީ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތަށް ބަލައި، މިހާރު ވެސް ގާނޫނުގައިވާ ގޮތަށް އެ މާއްދާ ބޭއްވުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ ގްރިޑް ސްޓެބިލިޓީއަށް ބުރޫނާރާނެ އެންމެ މަތީ މިންވަރަކަށް އިޢާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަ ކަމަށް ހެދުމަށް ހުށަހަޅައިފައިވާ އިސްލާހު
ކޮމިޓީގެ ރިޕޯޓުގައި ބުނީ ހުށަހެޅިފައިވާ އިސްލާހާ އެއްގޮތަށް އެ މާއްދާ ބަދަލުކޮށްފިނަމަ ފެން އުފެއްދުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބާރުއަޅާ މިންވަރު ކުޑަވެ، ނެޓް ޒީރޯ ގައުމަކަށް ވުމަށް ރާއްޖެއިން ކަނޑައަޅައިފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ހުރަސް އެޅިދާނެ ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން އެ އިސްލާހު ނުގެނައުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެކްސްކްލޫސިވް އޮޕަރޭޓިން ލައިސަންސް ދިނުމާބެހޭ އާންމު އުސޫލުތައް ކަނޑައަޅައި ބަޔާން ކުރުމަށް ބުނެފައިވާ މާއްދާ އުނި ކުރުމަށް ހުށަހަޅައިފައިވާ އިސްލާހު
އެ މާއްދާ އުނި ކުރުމަށް ހުށަހަޅައިފައިވާ އިސްލާހު ފާސްނުކުރުމަށް ކޮމިޓީން ނިންމީ އެކްސްކްލޫސިވް އޮޕަރޭޓިން ލައިސަންސް ދޭން ޖެހިއްޖެ ހާލަތެއްގައި އެފަދަ އުސޫލެއް ބޭނުންވާނެތީ ކަމުގައި ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެންވައިރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު ފާސްކުރި ރިޕޯޓަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަޢީދު ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ. ސަޢީދު ހުށަހެޅުއްވީ، ފެން ޕްލާންޓު އޮޕަރޭޓު ކުރުމުގެ ލައިސަންސް ދޭން ވާނީ އެ ޕްލާންޓަށް ބޭނުންވާ ކަރަންޓު އިޔާދަކުރަނިވި ހަކަތައިން ދެވޭނެ ކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ. ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރުގެ ތާއީދާއެކު، މި އިސްލާހު ފާސްކޮށް، ބިލަށް ވަނީ އިތުރުކޮށްފައެވެ.