25 Apr 2022, 13:04
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ އެންމެން އެއްކޮށް، ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހުއްދައަށް އެދިފައިވާ ކަމަށް ހިޔާ ޔޫނިއަނުން ބުނެފިއެވެ.
ހިޔާ ޔޫނިއަނުން ބުނެފައިވަނީ މިއީ ހިޔާ ފްލެޓުތަކަށް މީހުން ބަދަލުވުމަށްފަހު އަންނަ ފުރަތަމަ އީދު ކަމުން، މި އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރާކަމަށެވެ.
"ހުރިހާ ޓަވަރުތަކެއް އެކީ ބޮޑު ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައަށް އަޅުގަނޑުމެން ވާނީ އެދިފަ،" ހިޔާ ޔޫނިއަނުން ބުންޏެވެ.
މީގެ އިތުރުން، ހިޔާގެ ހުރިހާ ޓަވަރުތަކެއްގައި ދިރިއުޅޭ އެންމެން ގުޅިގެން އީދު ސައެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހިޔާ ޔޫނިއަނުން ބުންޏެވެ.
އެ ޔޫނިއަނުން ބުނީ މިކަން ކުރުމުގެ މަގުސަދަކީ މާޒީން އިބުރަތް ހާސިލްކޮށް، ހިޔާ ސަރަހައްދުގައި ދިރިއުޅޭ އެއްމެންނަކީ އެކުވެރި އެއްބައިވަންތަ ބައެއް ދިރިއުޅޭ މާހައުލަކަށް ހެދުން ކަމަށެވެ.
"އަށްޑިހައިގެ އަހަރުތަކުގައި ރާއްޖޭގައި އޮތް އަވަށު ވާދަވެރި ކަމަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި އެއްބައިވަންތަކަން ގެއްލޭ ކަމެއް. މާޒީން އިބުރަތް ހާސިލްކޮށް ވިހިވަނަ ގަރުނުގައި އަޅުގަނޑުމެން އުޅޭއިރު މި ޔޫނިއަނުން ބޭނުންވަނީ އެކުވެރި، އުޚުއްވަތްތެރި އެއްބައިވަންތަ ޝަހަރަކަށް މި ޝަހަރުވުން،" ހިޔާ ޔޫނިއަނުން ބުންޏެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ހިޔާގެ 16 ޓަވަރުގައި 7،000 ފްލެޓު ހުރެއެވެ. އޭގެތެރެއިން ގިނަ ފްލެޓްތަކުގައި މީހުން ދިރިއުޅެން ވަނީ ފަށައިފައެވެ. އެ ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން މި ސަރުކާރުން ދޫކޮށްފައިވަނީ 6،720 ފްލެޓެވެ.