20 Mar 2012, 12:51
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އަށް ބޭނުންވާ ތެޔޮ ގަތުމަށް 150 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއާއެކު އެއާޕޯޓް އޮޕަރޭޓް ކުރާ އިންޑިއާގެ ޖީއެމްއާރުން މިއަދު އެއްބަސްވެއްޖެ އެވެ.
އެއާޕޯޓުގައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައި ތެޔޮ ގަތުމުގެ އެއްބަސްވުމުގައި ޖީއެމްއާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އެންޑްރޫ ހެރިސަން އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ ޝާހިދު އަލީ އެވެ.
އެއްބަސްވުމަށް ފަހު ޝާހިދު ސަން އޮންލައިނަށް ވިދާޅުވީ މަތިންދާ ބޯޓަށް އަޅާ، ޖެޓް - އޭވަން ފިއުލްގެ އެއް މިލިއަން ފީފާ ތެޔޮ އެއް އަހަރު ދުވަހުގެތެރޭ ޖީއެމްއާރަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން އެއާޕޯޓުގެ އެހެނިހެން ބޭނުންތަކަށް 40،000 ފީފާ ޑީސަލް ވެސް ޖީއެމްއާރަށް ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"ކޮންމެ 15 ދުވަހަކުން 4000 އާއި 7000 ދެމެދުގެ ޓަނުގެ ތެޔޮ ޖީއެމްއާރަށް ވިއްކާނީ. ދެން އެއަށް ބިލްކުރަމުން ގެންދާނީ،" ޝާހިދު ވިދާޅުވި އެވެ.
މިދިޔަ އަހަރު ވެސް ޖީއެމްއާރަށް ތެޔޮ ވިއްކީ އެސްޓީއޯއިންނެވެ. މިދިޔަ އަހަރުގެ އެއްބަސްވުމުގެ އަގު 140 މިލިއަން ޑޮލަރަށް އަރަ އެވެ.
ޝާހިދު ވިދާޅުވީ އެ އެގްރިމެންޓުގެ ސަބަބުން އެސްޓީއޯގެ ސޭލްސްއަށް 2.3 ބިލިއަން ރުފިޔާގެ ކުރިއެރުމެއް އަންނާނެ ކަމަށާއި އެ ކުންފުންޏަށް ވެސް ކުރިމަތިވެފައިވާ ބޭރުގެ ފައިސާގެ ދަތިކަމައް ހައްލެއް އަންނާނެ ކަމަށެވެ.
"އެހެންނޫނީ [އެގްރިމަންޓް ނުލިބުނުނަމަ] ވަރަށް ދަތި އަހަރަކަށް ވާނީ. އެކަމަކު މިހާރު މި ލިބުނު އެގްރިމަންޓުގެ ސަބަބުން އަޅުގަނޑުމެންނަށް މާލީ ކުރި އެރުން އިތުރުވެގެންދާނެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ އެގްރިމަންޓުގެ ސަބަބުން ހެޔޮ އަގުގައި ތެޔޮ އެތެރެ ކުރުމުގެ ފުރުސަތު އެސްޓީއޯއަށް ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން ދުބާއީން ބަލްކުކޮށް މި ގެންނަނީ. އެގޮތުން އަޅުގަނޑުމެން ގެންނަ ޝިޕްމަންޓް ބޮޑިއްޔާ އަޅުގަނޑުމެންނަށް ލިބޭ އެއްޗެއްވެސް ރަނގަޅުވާނެ،" ޝާހިދު ވިދާޅުވި އެވެ. ޖީއެމްއާރުގެ ތެލުގެ އެގްރިމަންޓުން އެސްޓީއޯގެ ވިޔަފާރިއަށް1.8 ބިލިއަން ރުފިޔާ ގެ ކުރިއެރުމެއް ވަނީ ލިބިފައި ވާކަމަށް އެ ކުންފުނިން އަންދާޒާ ކުރެ އެވެ.
ޖީއެމްއާރަށް ތެޔޮ ވިއްކާނެ ކުންފުންޏެއް ހޯދަނީ އިންޓަނޭޝަނަލް ބީލަމަށް ލައިގެންނެވެ. ޖީއެމްއާރުން ބުނީ އެސްޓީއޯއާ އެކު ހަތަރު ކުންފުންޏަކުން ކުރިމަތިލީ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އެ ކުންފުންޏަކުން ހާމައެއްނުކުރެ އެވެ.