ޕެރިސް (25 އެޕްރީލް 2022): ފަރަންސޭސިވިލާތުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ވަރަށް ބޮޑު ތަފާތަކުން އެގައުމުގެ މިހާރުގެ ރައީސް އެމަނުއެލް މެކްރޮން ކާމިޔާބު ކުރައްވައިފިއެވެ.

ފަރަންސޭސިވިލާތުގެ އިންތިޚާބުތަކާބެހޭ އިދާރާއިން އިއްޔެ ހާމަކުރި ވަގުތީ ނަތީޖާތައް ދައްކާގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މެކްރޯނަށް ވޯޓުގެ 58.2 ޕަސެންޓް ލިބިފައިވާއިރު އޭނާއާ ވާދަކުރި ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރުގެ ކެންޑިޑޭޓް މޭރީ ލެ ޕޭންއަށް ލިބިފައިވަނީ ވޯޓުގެ 41.8 ޕަސެންޓެވެ.

މީގެ ދެހަފްތާކުރިން ބޭއްވި ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މެކްރޯންއަށް 27.4 ޕަސެންޓު ވޯޓު ލިބިފައިވާއިރު ލެ ޕޭންނަށް ލިބިފައިވަނީ ވޯޓުގެ 24.03 ޕަސެންޓެވެ. މިފަހަރު މެކްރޯން ކާމިޔާބު ކުރައްވާފައި މިވަނީ އޭނާގެ ރިޔާސީ ދެވަނަ ދައުރެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ބޭއްވި ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ވާދަކުރެއްވީ މެކްރޯން އާއި ލެޕޭންނެވެ. އެފަހަރު ލެޕޭންގެ މައްޗަށް ކުރިހޯއްދަވައި މެކްރޮން އިންތިޚާބު ކާމިޔާބުކުރެއްވީ 66 ޕަސެންޓު ވޯޓުންނެވެ.

މޭރީ ލެޕޭން

މިފަހަރުގެ ރިޔާސީ ދެވަނަ ދައުރެއް ބޮޑުތަފާތަކުން ކާމިޔާބު ކުރެއްވުމާއެކު އެމަނުއެލް މެކްރޮން ވެފައިވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވި ފަރަންސޭސި ފުރަތަމަ ރައީސް ކަމުގައެވެ. ރިޔާސީ ދެވަނަ ބުރުގައި މެކްރޯންއަށް މިހާ ބޮޑު ކާމިޔާބެއް ލިބިފައިވަނީ ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރުގެ ކެންޑިޑޭޓް މޭރީ ލެޕޭންއާ ވާދަކުރެއްވުމުގެ ސަބަބުންކަމަށް މުހައްލިލުން ދެކެވަޑައިގެންނަވައެވެ.

އުމުރުން 53 އަހަރުގެ ލެ ޕޭންއަކީ ފަރަންސޭސިވިލާތަށް ޒަމާނުއްސުރެ ހިޖުރަކޮށްގެން ދިރިއުޅޭ ބޭރުގައުމުތަކުގެ މީހުން (ޚާއްސަކޮށް އަރަބިންނާއި އެފްރިކާގެ ކަޅުނަސްލުގެ މީހުން) އެގައުމުން ބޭރު ކުރުމަށާއި މުސްލިމް އަންހެނުން ބުރުގާ އަޅާނަމަ ޖޫރިމަނަކުރުމަށް ގޮވާލާ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. މިއީ ފަރަންސޭސި އާންމުންގެ ގިނަ ބަޔަކު ދެކޮޅު ހަދާކަންކަމެވެ.

މިހަރުކަށި ވިސްނުމާއެކުވެސް ލެޕޭންއަށް ތާއީދުކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް ފަރަންސޭސިވިލާތުގައި ދަނީ އިތުރުވަމުންނެވެ. ނަމަވެސް ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވޭވަރުގެ ތާއީދެއް އަދި އޭނާއަށް ލިބިވަޑައިގެންފައިނުވާކަން ވޯޓުންވަނީ ހާމަވެފައެވެ.

މެކްރޯން އަކީވެސް މުސްލިމުންނާމެދު ހަރުކަށި ވުމަށާއި ޓެރަރިޒަމްގެ ތުހުމަތު މުސްލިމުންގެ މައްޗަށް ކުރައްވާ ކަނާތުފިޔައިގެ ހަރުކަށި ވިސްނުން ކޮންމެވެސް ވަރަކަށް ގެންގުޅުއްވާ ބޭފުޅެކެވެ. އޭނާގެ ރިޔާސީ ފުރަތަމަ ދައުރުގައި މުސްލިމުންގެ ދީނީ ހަރަކާތްތަކަށާއި މުސްލިމުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބައެއް ހުރަސްތައް އަޅުއްވާފައިވެއެވެ.

ޚިޔާލު ފާޅުކުރުމުގެ ނަމުގައި އިސްލާމް ދީނަށާއި އިސްލާމީ ޝިއާރުތަކަށް ޖޯކުޖަހައި އިހާނާތް ކުރުމުގެ ފުރުސަތުވެސް މެކްރޯން ދެއްވާފައިވާއިރު ނަސާރާއިންނާއި ޔަހޫދީންގެ ދީނީ ކަންކަމަށް ޖޯކުޖެހުމާއި އެމީހުންގެ ޝިއާރުތަކަށް ހުރަސް އެޅިގެން ނުވާނެކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.