ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިސް ދެ މީހުން ބޭސްފަރުވާއަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

އިސްތިއުނާފުގެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔުގައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮންމެ 30 ދުވަހަކުން ބަންދުގެ މުއްދަތު މުރާޖަޢާކުރާއިރު ސިއްހީ ހާލަތަކަށް ރިއާޔަތްކުރެވޭ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

މި ރައުޔަށް އިސް ފަނޑިޔާރު ހާތިފް ހިލްމީ ވެސް ވަނީ ތާއީދުކުރައްވާފައެވެ.

މައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނޭ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވަނީ ބަންދުގައި ހުންނަ މީހެއްގެ ސިއްހީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލެވޭނީ ވަރަށް އިސްތިސްނާ ހާލަތްތަކުގައި، ފުރާނައަށް ނުރައްކާ ބައްޔެއް ހުރެގެން، ޒަރޫރީ މިންވަރަށް އެކަންޏެވެ.

އެހެންކަމުން އެ ދެމީހުން ބަންދުން ދޫކޮށްލަން ކުރި އަމުރު ބާތިލުކުރުމަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ މައްސަލައިގައި އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ 2020ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އަދި ބަލިހާލަތަށް ބަލައި، ބަންދުން ދޫކޮށްލީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.

އަޙްމަދު މޫސަ އާއި ޝަހީބުގެ އިތުރުން އެ މައްސަލައިގައި ދެން ދައުލަތުން ދައުވާ އުފުލާފައިވަނީ ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން ބަންގްލަދޭޝައަށް ނިސްބަތްވާ ދެ މީހަކަށެވެ. އެއީ މުޙައްމަދު ރިޔާދު އަދި އިގްބާލްއެވެ.

އެ އެންމެން ހައްޔަރުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.