އިޖުތިމާއީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ.އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން އަރުވައިފިއެވެ.

މިކަމުގެ ޔަޤީންކަން ސަރުކާރަށް އެރުވީ ނައިބު ރައީސްގެ އަރިހަށް، އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އދ.ގެ އެކި އެޖެންސީތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު، ނައިބު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން، އިޖްތިމާއީ، އިޤްތިސާދީ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނީހައްޤުތަކާއި، ޑިމޮކްރަސީއާއި، ވަކިން ޚާއްސަކޮށް ކޯވިޑުގެ ތެރޭގައި އިޖްތިމާއީގޮތުން ފޯރުކޮށްދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ނައިބު ރައީސްއާއި އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު މަޝްވަރާކުރެއްވެވި ކަންކަމުގެ ތެރޭގައި ކޮވިޑުގެ ފަހުން ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން އިތުރުވަމުންދާތީ އެކަމާއި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ވާހަކަތައް ހިމެނެއެވެ.

މި ނޫންވެސް ދެބޭފުޅުން ވަނީ ރާއްޖޭގެ އިޤްތިސާދީ ހާލާތާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު، ނައިބު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ ބައްދަލުކުރެއްވުމުގައި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު ވަނީ އިޖުތިމާއީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ.އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މިގޮތުން، ކާރިސާއެއް ދިމާވުމުން އެކަމުން އަރައިގަނެވޭނެ ފަދަ ވިލުންވެރި މުޖުތަމައެއް ބިނާކުރުމާއި، ހުރިހާ ފަރާތްތަކުން ގުޅިގެން އެއްލަނޑުދަނޑިއަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވަނީ އ.ދ.ގެ އެކި އެޖެންސީތަކާ ގުޅިގެން ރާއްޖޭގެ ސަރުކާރުން ދެފަރާތައް ވެސް މުހިންމުކަންކަމުގައި އެކުގައި މަސައްކަތްކުރާނެކަމުގައި ވިދާޅުވެފައެވެ.