މޭރީ މަރުވި ދުވަހު އޭނާގެ ދަރިފުޅު, ހަލީމަތު ލަމްހާ ގެންދިޔައީ މާވިންއަށް މޭރީ މަރާލުމަށް މަގުފަހިކޮށްދިނުމަށް ކަމަށާއި އެއަށްފަހު މޭރީ، އަމިއްލަ އިން މަރުވިކަން ދެއްކުމަށް ސީންއެއް ކްރިއޭޓް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ދައުލަތުން ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު މަހު ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ މާވީން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މޭރީގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވީންއަށް ވަނީ މަރުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ލަމްހާއަށް އުފުލާފައިވާ ދައުވާތައް އިއްވާފައެވެ.

އެގޮތުން, މޭރީގެ މަރުގެ ހާދީސާގެ ކުރިން އެ ދުވަހު އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރި ލަމްހާ ގެންގޮސްފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އެކަންކޮށްފައިވަނީ މާވިންއަށް މޭރީ މަރާލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

އެ ދެމަފިރިންގެ ދަރިފުޅު އަނބުރާ އެ ގެއަށް ގެންދިޔައިރު މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައެއް ނުވެއެވެ. އަދި މޭރީގެ ހަބަރު ހުސްވުމުން އޭނާ އަމިއްލައަށް މަރުވިކަން ދެއްކުމަށް ސީންއެއް ކްރިއޭޓް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެއަށްފަހު ލަމްހާ އެ ގެއިން ނިކުމެގެން ދިއުމަށް ދޮރުހުޅުވަން އޭނާގެ ފިންގާރ ޕްރިންޓް އެރިއަނުދިނުމަށް މަސައްކަތް ކުރި ކަމަށް ދައުލަތުން ބުންޏެވެ. އެކަން ކޮށްފައިވަނީ ޓީޝާޓުގެ އަތުން އަތްތިލަ ފޮރުވައިގެންނެވެ. އެހުރިހާ މަންޒަރެއް ސީސީޓީވީ ފުޓޭޖްގައި ހުރި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ލަމްހާގެ އެ އަމަލުތަކަށް ސުވާލު އުފައްދަމުން ދައުލަތުގެ ވަކީލް ވިދާޅުވީ, މައުސޫމް މީހަކު އެ ގޮތަށް އަމަލު ކުރަން ޖެހޭ ސަބަބެއް ނޭންގޭ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ދިފާއުން ބުނެފައިވަނީ, އެ ގެއަށް ލަމްހާ ވަތް ކަމަށް ދައުލަތުން ބުނި ނަމަވެސް މޭރީ މަރުވެފައި އޮތް އެޕާޓްމެންޓް ތެރެއަށް ލަމްހާ ވަތްކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި މޭރީ އަމިއްލަ އަށް މަރިވިކަން ދެއްކުމަށް ސީންއެއް ކްރިއޭޓް ކުރުމުގައި ލަމްހާގެ ބައިވެރިވުން އޮތް ކަމަށް ދައުލަތުން ބުނަނީ ހިޔާލީ ގޮތެއްގައި ކަމަށް ވެސް ދިފާއީ ވަކީލް ވިދާޅުވިއެވެ.

ދައުލަތުން އިއްވި ދައުވާ ސާފު ނުވާކަމަށް ދިފާއުން ބުނި ނަމަވެސް ގިނަ ބަހުސްތަކަކަށްފަހު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ފުރަތަމަ ފަހަރަށް ލަމްހާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި

މިއަދުގެ ޝަރީއަތުގެ ނިންމާލުމުގެ ކުރިން ލަމްހާ ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ގެއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އެގޮތުން ޖަލުގެ ފާހަނަތެރެއަށް ވެއްޓުމުގެ ސަބަބުން އޭނާގެ މައި ބަދައަށް އަނިޔާވެފައިވަ ކަމަށް ބުންޏެވެ. އެއީ ކުރިން ވެސް ހުންނަ ބައްޔަކަށްވާއިރު ފާހަނައަށް ވެއްޓުމުގެ ސަބަބުން ބަލި އިތުރަށް ބޮޑުވެފައިވާ ކަމަށް ލަމްހާ ވަނީ ބުނެފައެވެ.

އެކަމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމް ބެޑް ރެސްޓް ކުރުމަށް އިރުޝާދު ދެއްވާފައިވާ ކަމަށް ލަމްހާ ބުންޏެވެ. ނަމަވެސް ޖަލުގެ ހާލަތު ހުރި ގޮތުން ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ އަމިއްލައަށްކަން ފާހަގަކޮށް ޖަލުގައި ބެޑް ރެސްޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ލަމްހާގެ ވާހަކަތަކަށްފަހު ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ބަންދު ރިވިއު ކުރުމުގެ އަޑުއެހުމެއް އަންގާރަ ދުވަހު ބާއްވާނެ ކަމަށެވެ.