ކޮލަންބޯ (24 އެޕްރީލް 2022) : ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން ދުރުވެވެވަޑައިގަންނަވަން ދެކޮޅު ހައްދަވާތީ އިތުބާރު ނެތްކަމުގެ ވޯޓަކުން އޭނާ މަގާމުން ދުރުކުރަން ޖެހިދާނެކަމުގެ އިންޒާރު އެ ގައުމުގެ ޕާލަމެންޓްގެ ބައެއް މެންބަރުން ދެއްވައިފިއެވެ.

މި އިންޒާރު ދެއްވީ ރާޖަޕަކްސަގެ ޕާޓީކަމަށްވާ ޕޮޑުޖަނާ ޕެރުމުނާ ޕާޓީން ވަކިވުމަށްފަހު މިނިވަން މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންނެވެ. އެ ބޭފުޅުން ވިދާޅުވިގޮތުގައި މަހިންދަ ރާޖަޕަކްސައަކީ ސްރީލަންކާގެ ރައީސްކަމާއި ބޮޑުވަޒީރުކަން ކުރިން ކުރައްވާފައިވާ އަދި ގައުމުގެ ޒަމާންވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މޭސްތިރިކަމަށްވާތީ އޭނާއަށް ރައްޔިތުން ފަރާތުން ލިބޭ އެންމެފަހުގެ އިހުތިރާމުވެސް މިހާރު މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ ދެން ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

އެހެންކަމުން ގަދަރު ވެރިކަމުގައި މަގާމުން ދޫކޮށްލެއްވުމަށް އެބޭފުޅުން މަހިންދަ ރާޖަޕަކްސަ އަށް އިލްތިމާސް ކުރެއްވިއެވެ. އެބޭފުޅުން މި އިލްތިމާސް ކުރެއްވީ ސްރީލަންކާގައި އަލަށް އެކުލަވާލާ އާ ސަރުކާރުގެވެސް ބޮޑުވަޒީރަކަށް ހުންނާވާނީ އޭނާކަމަށް ވަރަށް ފަޚުރުވެރިކަމާއެކު މަހިންދަ ރާޖަޕަކްސަ ވިދާޅުވެފައިވަނިކޮށެވެ.

ރާޖަޕަކްސަގެ ޕާޓީކަމަށްވާ ޕޮޑުޖަނާ ޕެރުމުނާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރުންގެ ތެރެއިން ބައެއް މެންބަރުން އެޕާޓީން މިހާރު ވަކިވެފައިވާއިރު އެ ޕާޓީއާ ކޯލިޝަން ހަދައިގެން އުޅުނު ސްރީލަންކާ ފްރީޑަމް ޕާޓީވެސް ދާދިފަހުންވަނީ އެކޯލިޝަނުން ވަކިވެފައެވެ. މިއާއެކު ރާޖަޕަކްސަގެ ސަރުކާރަށް ސްރީލަންކާގެ ޕާލަމެންޓްގައި އަޣްލަބިއްޔަތު ނޯންނާނެކަމަށް ޕާލަމެންޓްގެ ގިނަ މެންބަރުން ދެކެއެވެ.

ނަމަވެސް ރާޖަޕަކްސައާ ދުރަށްދިޔަ މެންބަރުން އިދިކޮޅު ކޯލިޝަނާ ނުގުޅޭތީ އިދިކޮޅަށްވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތްކަން އަދި ކަށަވަރެއް ނުވެއެވެ. މިއިން އެއްވެސްކަމެއް ކަށަވަރުވާނީ އިތުބާރުގެ ވޯޓެއް ނަގާއިރު މުސްތަގިއްލު މެންބަރުން ވޯޓު ދެއްވާ ގޮތަކުންނެވެ.

ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާ އިގްތިސާދީ ގޮތުން މުޅިން އިނދަޖެހިގެން ގޮސް ގައުމުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ބޭހާ އަދި ތެލާއި ކަރަންޓް ފޯރުކޮށް ނުދެވޭ ހާލަތަށް ގައުމުވަނީ ގޮސްފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސްރީލަންކާއަށް ނާންނަ ފަދަ އިގްތިސާދީ ތަދުމަޑުކަމެކެވެ.

މިކަމުގެ ޒިންމާ އެގައުމުގެ އިދިކޮޅުންނާ އަދި ރައްޔިތުންގެ ގިނަ ބަޔަކު އަޅުވަމުން ގެންދަނީ ވެރިކަމުގައި ތިއްބެވި ރާޖަޕަކްސަގެ އާއިލާގެ ބޭފުޅުންގެ ބޮލުގައެވެ. ޚާއްސަކޮށް ބޮޑުވަޒީރު މަހިންދައާއި ރައީސް ގޮތަބަޔަގެ ބޮލުގައެވެ. މި ދެ ބޭފުޅުންނަށް ކުރިން ތާއީދުކުރި ސްރީލަންކާގެ އާންމުންގެ ގިނަ ބަޔަކުވެސް މިހާރު ވަނީ އެ ތާއީދު އަނބުރައި ގެނެސް ސަރުކާރާ ދެކޮޅުކަން ހާމަކޮށް ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާތަކުގައި ބައިވެރިވާން ފަށާފައެވެ.

ނަމަވެސް މަހިންދަ ރާޖަޕަކްސަ ވިދާޅުވާގޮތުން އޭނާއަށް ޕާލަމެންޓްގެ ގިނަ މެންބަރުންގެ ތާއީދާއި ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު އަދިވެސް އެބައޮތެވެ. އަދި އޭނާގެ އިސްތިއުފާއަށް ގޮވާލަނީ ސްރީލަންކާގެ ރައްޔިތުންގެ ވިންދު ނޭންގޭ މަދު އަދަދެއްގެ ޕާލަމެންޓް މެންބަރުންތަކެކެވެ.

މަހިންދަގެ އިތުރުން ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ވެސް ވަނީ ސްރީލަންކާއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާއަށް މިހާލަތު ދިމާވުމުގައި މިހާރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވެރިކަން ކުރެއްވި ދުވަސްވަރު ހެދި ގޯސްތައް ހިމެނުނު ނަމަވެސް މައްސަލަ އާދަޔާ ޚިލާފަށް ގޯސްވީ ކޮވިޑް-19 އާ ދެކޮޅަށް ސްރީލަންކާ ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު 2 އަހަރުވަންދެން ސަރަހައްދީ ރޮނގު ބަންދު ކޮށްފައި ބޭއްވުމާއެކު ފަތުރުވެރިކަން ހުއްޓި ބޭރު ފައިސާ ލިބޭނެ ދޮރުތައް ބަންދުވުމާ ގުޅިގެންނެވެ.

ޕާލަމެންޓްގެ ސިމްޕަލް މެޖޯރިޓީން ވެސް ބޮޑުވަޒީރު މަގާމުން ދުރުކުރެވިދާނެއެވެ. ނަމަވެސް ސްރީލަންކާގެ ރައީސް މަގާމުން ދުރުކުރުމަކީ ޕާލަމެންޓްގެ ތެރެއިންވެސް އެހާ ފަސޭހަ ކަމެއްނޫނެވެ.