24 Apr 2022, 12:27
ނަމާދަކީ އިސްލާމްދީނުގެ އެންމެ މުހިންމު އަޅުކަމެވެ. ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. ދީނުގެ ތަނބު ކަމުގައި ބުނެވެނީ ނަމާދަށެވެ. އިސްލާމްކަމާއި ކާފަރުކަމާ ފަރަގުކޮށްދޭ އަޅުކަމަކީ ނަމާދެވެ. މިއީ ޝަރުޢީ ދަލީލުތަކުން ސާބިތުވާ ކަންކަމެވެ.
ހާލަކުން ފަހަރު ނޫނީ މިސްކިތަށް ނާރާ ބައެއްމީހުންވެސް ރަމަޟާން މަހު ރޯދަ ހިފާކަމަށް ވެއެވެ. އަދި އާންމުކޮށް ނަމާދު ކުރާ ބައެއްމީހުންވެސް ރޯދަމަހު އެންމެ ފުރިހަމައަށް ނަމާދުތައް ނުކޮށް އުޅެއެވެ. ސުވާލަކީ މިގޮތަށް، ނަމާދު ނުކޮށް ރޯދަ ހިފާ މީހާގެ ރޯދަ މާތްﷲ ގަބޫލު ކުރައްވާނެހެއްޔެވެ؟ މިކަމާމެދު އިލްމުވެރިންގެ ދެރައުޔެއް އޮވެއެވެ.
ފުރަތަމަ ރައުޔު:
ނަމާދު ނުކުރާ މީހާ ހިފާ ރޯދަ ޞައްޙައެއް ނުވާނެއެވެ. މިރައުޔުގެ އިލްމުވެރިން ބުނާ ގޮތުގައި، ނަމާދަކީ ފަރުޟު ކުރައްވާފައިވާ އަޅުކަމެއްކަމަށް އިންކާރު ކުރިޔަސް ނުވަތަ ނުކުރިޔަސް، ނަމާދު އަޅާފައި ކުރާ އެއްވެސް ހެޔޮ އަމަލެއް ﷲ ގަބޫލެއް ނުކުރައްވާނެއެވެ. އެހެނީ ނަމާދު އަޅައިފިނަމަ އޭނާ އެވަނީ ކުފުރު ވެފައެވެ. ހަދީސްތަކުން އެނގޭގޮތުގައި ނަމާދު އެޅުމަކީ މީހާ ކުފުރުވާނެ ކަމެކެވެ. ކާފަރުން ހިފާ ރޯދަ މާތްﷲ ގަބޫލެއް ނުކުރައްވާނެއެވެ.
ދެވަނަ ރައުޔު:
މިރައުޔުގެ އިލްމުވެރިން ދެކޭގޮތުގައި، ނަމާދު ކުރުމަކީ ވާޖިބެއްކަމަށް ގަބޫލުކުރުމާއެކު، ކަންނެތްކަމުން ނުވަތަ ޣާފިލުކަމުގެ ސަބަބުން ނަމާދު އަޅާމީހާ ހިފާ ރޯދަ ޞައްޙަވާނެއެވެ. ސަބަބަކީ އެފަދަ މީހާއަކީ މިއްލަތުން ބޭރުވެގެންދާ ފަދަ ބޮޑު ކުފުރަކުން ކުފުރުވެފައިވާ މީހެއްކަމުގައި ނުވެއެވެ.
އިލްމުވެރިންގެ ރައުޔުތަކަށް ބަލާއިރު، ނަމާދު އަޅާ މީހާ ކުރާ ހެޔޮ އަމަލުތައް ޞައްޙަވުމާއި ނުވުން ގުޅިފައިވަނީ ނަމާދު އަޅާމީހާ ކުފުރުވުމުގެ މައްސަލައާއެވެ. އެގޮތުން؛ ނަމާދު އެޅުމުން އެއްވެސް ޝަރުތަކާނުލައި ކުފުރުވާނެކަމަށް ބުނާ އިލްމުވެރިން ދެކޭގޮތުގައި ނަމާދު އަޅާފައި ކުރާ އެއްވެސް ހެޔޮ އަމަލެއް ގަބޫލުވެވިގެން ނުވެއެވެ. އެހެންނަމަވެސް، ނަމާދުގެ ފަރުޟިއްޔަތަށް އިންކާރު ކުރުމަކާނުލައި، ކަންނެތްކަމުން ނުވަތަ ޣާފިލުކަމުން ނަމާދު އަޅާމީހާއަކީ މިއްލަތުން ބޭރުވާ ބޮޑު ކުފުރުން ކުފުރު ވެފައިވާ މީހެއްނޫނެވެ. އެހެންކަމުން އެފަދަ މީހާގެ އެހެނިހެން ހެޔޮ އަމަލުތައް މާތްﷲ ގަބޫލުކުރައްވާނެއެވެ.
މިކަމާ ބެހޭގޮތުން ޑރ. ޔޫސުފުލްޤަރުޟާވީ ވިދާޅުވެފައި ވެއެވެ. ސަލަފުންނާއި ޚަލަފުންގެ ގިނަ ފިޤުހުވެރިން ދެކޭގޮތުގައި، ނަމާދު އަޅާ މީހާއަކީ ފާސިޤެކެވެ. ކާފަރެއްނޫނެވެ. އެހެންކަމުން ނަމާދު ނުކުރާމީހާވެސް ރޯދަ ހިފާނަމަ އެ ރޯދަ ﷲ ގަބޫލު ކުރައްވާނެއެވެ. މާތްﷲ ގެ އަޅަކު ކޮށްފި އެއްވެސް އަމަލެއް އެކަލާނގެ ގެއްލެނި ނުކުރައްވާނެއެވެ. އަދި ކިތަންމެ ކުޑަ މިންވަރަކުން ވިޔަސް އެކަލާނގެ އެއްވެސް ނަފުސަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވާނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ. وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (ޒަލްޒަލާ: 7-8) މާނައީ: "ފަހެ، ޒައްރެއްގެ މިންވަރު ވިޔަސް، ހެޔޮކަމެއް ކޮށްފިމީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރު ވިޔަސް، ނުބައިކަމެއް ކޮށްފިމީހާ، އޭނާ އެކަން ދެކޭނެތެވެ." ވީމާ، ނަމާދު ނުކުރާމީހެއް ވިޔަސް ރޯދަ ހިފާނަމަ، އޭނާ ހިފާ ރޯދައަށް ސަވާބު ލިބޭއެވެ. އޭނާއަށް އޮންނާނީ ނަމާދު ނުކުރުމުގެ ފާފައެވެ. ނަމާދު ނުކުރުމަކުން އޭނާ ކުރާ އެހެނިހެން ހެޔޮ އަމަލުތަކުގެ ސަވާބު ގެއްލިގެނެއް ނުދާނެއެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلا تُظْلَمُ نَفْسٌ شَيْئًا وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا وَكَفَى بِنَا حَاسِبِينَ (އަންބިޔާއު: 47) މާނައީ: "ތިމަންރަސްކަލާނގެ ޤިޔާމަތް ދުވަހުން ޢަދުލުވެރިކަމުގެ ތިލަފަތްތައް ޤާއިމު ކުރައްވާހުށީމެވެ. ފަހެ، އެއްވެސް ނަފުސަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ."
އަދިވެސް ޤަރުޟާވީ ވިދާޅުވެފައި ވެއެވެ. އަމަލީ އަދި ތަރުބަވީ ނަޒަރަކުން ބަލާއިރު، ނަމާދު ނުކޮށް ރޯދަ ހިފާމީހާގެ ރޯދަ ބާތިލުވާނެކަމަށާއި އޭނާގެ ރޯދައަށް އެއްވެސް ސަވާބެއް ނުލިބޭނެކަމަށް ބުނުމުން އޮތީ ކޮންފައިދާއެއްހެއްޔެވެ؟ އެގޮތަށް ބުނެފިނަމަ، އޭނާ ނަމާދު އަޅާފަދައިން ރޯދަ ހިފުންވެސް ހުއްޓައިލުން އެކަށީގެން ވެއެވެ. އެހެންވެއްޖެނަމަ، ފަރުޟާއި އަޅުކަމުގެތެރެއިން އޭނާއާ އިސްލާމްދީނާ ގުޅިފައިވާ އެންމެ ފަހު ވާފަށް (އެބަހީ: ރޯދަ ހިފުން) ވެސް ކެނޑިގެން ހިނގައިދާނެއެވެ. އަދި މިކަމުގެ ސަބަބުން ފަހަރެއްގައި އޭނާ އަބަދުގެ އަބަދަށް އިސްލާމްދީނާ ދުރަށް ދިއުންވެސް އެކަށީގެންވެއެވެ. ވީމާ އެންމެ އައުލާވެގެންވާ އަދި ފައިދާ ހުރި ގޮތަކީ، ނަމާދު ނުކޮށް ރޯދަ ހިފާ މީހާގެ ރޯދަވެސް ﷲ ގަބޫލުކުރައްވާނެ ކަމަށް ބުނުމެވެ. އަދި އެފަދަ މީހާއަށް އޮތީ އޭނާގެ އިސްލާމްކަން ފުރިހަމަ ކުރުމެވެ. (ތައުބާވެ) ނަމާދުތައް ބަރާބަރަށް ކުރުމެވެ. އެއީ ރޯދައަށްވުރެ މަތިވެރިވެގެންވާ އަޅުކަމެކެވެ.